ސަރުކާރުން ދަނީ، ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިކޮށް އިޤްތިސާދީ ގޮތުން ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި މިކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އެކި ދާއިރާތަކުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ހަނިވެފައިވާ ވާހަކައަކީ އަބަދުމެ އަޑުއަހާ ވާހަކައެކެވެ. ދިވެހިންގެ ބަދަލުގައި ބައެއް ވަޒީފާތަކުގައި ބިދޭސީން ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްވަޒީފާއަކީ ކޭޝިއަރުންގެ ވަޒީފާއެވެ. ޒަމާނުންސުރެއް ފިހާރަތަކުގެ ކޭޝިއަރުންގެ ގޮތުގައި ގިނައިން ތިބެނީ، ބިދޭސީންނެވެ.
ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށް މާލީގޮތުން ބާރުވެރިކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ރައީސްގެ ރިޔާސީ ބަޔާނުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކުރުމުގެ މަސައްކަތައް އަލިއަޅުވާލައްވާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތު ކުރުމަށް ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރުފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅާ ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި 2 އަހަރުގެ ތެރޭގައި 21،174 ވަޒީފާގެ ފުރުޞަތު ދިވެހި އިޤްތިޞާދުގައި އުފެއްދިފައިވާ ކަމަށެވެ.
މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެފައިވާ 6،724 ވަޒީފާ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން ރައީސް ވަނީ އިއުލާންކޮށްފައެވެ.
"މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެފައިވާ 6724 ވަޒީފާ ހިމެނޭ. ހަމަ އެއާއެކު، މިއަދުން ފެށިގެން 12 މަސް ދުވަސްފަހުން، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން އިޢުލާންކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިޔަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25،000 އިތުރު ވަޒީފާގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި މިކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި، ކުރިޔަށް އޮތް 1 އަހަރު ދުވަހުގެ ތެރޭގައި މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ވަޒީފާގެ އަޚްލާޤާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމާއި، ވިޔަފާރިވެރިންނާއި ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެން ހުރި އެންމެހާ އެހީތެރިކަމެއް ސަރުކާރުން ދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ދިވެހީންނަށް، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް، ވަޒީފާގެ ފުރުޞަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާ ނުކުންނާނީ، އަދި އޭގެ ދާއިމީ ހެޔޮ ބަދަލު ޤައުމުގެ އިޤްތިޞާދަށް ކުރާނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކޮށްގެން ކަމަށެވެ. އެގޮތުން ސަރުކާރާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މިކަމަށް މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.