ޚަބަރު

ވޯޓު ލާތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ފުރުޞަތު ހުޅުވާލައިފި


  • ރީ -ރެޖިސްޓްރީވާން ހުޅުވާލާފައިވަނީ 16 ފެބުރުއަރީގެ މެންދުރުފަހު 3:00ގެ ނިޔަލަށް

  • މައި-ޕޯޓަލް އަދި ފޯމްސް.އިލެކްޝަަން އިންވެސް ރީ ރެޖިސްޓްރީ ވެވޭނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން ރީ-ރެޖިސްޓްރީވާން ހުޅުވާލައިފިއެވެ.

ރީ-ރެޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ. މި މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ނަމަވެސް މަޖިލިސް އިންތިޚާބުގައި ރިސޯޓްތައް، ސިނާއީ ތަންތަން އަދި ޖަލުގައި ވޯޓުލާން ރަޖިސްޓްރީކުރި މީހުން ރަޖިސްޓްރީ ވާނީ އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށްރަށުގައެވެ. އެހެންކަމުން މިފަދަ މީހުންވެސް ޖެހޭނީ، އަލުން ރީ ރަޖިސްޓްރީ ކުރަންށެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަންގެ my.elections.gov.mv އަދި form.elections.gov.mv މެދުވެރިކޮށް ރީ-ރަޖިސްޓްރީ ވުމަށް ފޯމު ހުށައެޅޭނެކަމަށެވެ.

"މައި-ޕޯޓަލް ނަމަ ޖެހޭނީ ވެރިފައިޑް އީފާސް އެކައުންޓަކުން ލޮގިން ވާން. ފޯމްސްޑޮޓްއިލެކްޝަންސް އިން ނަމަ އައިޑީ ކާޑްގެ ދެފުށުގެ ކޮޕީއާއި ފޮޓޯއެއް ހުށައަޅަން ޖެހޭނެ. ހުށައަޅާ މަޢުލޫމާތު ވެރިފައިކޮށްފައި، ރީރަޖިސްޓަރވިކަން ނުވަތަ މައްސަލައެއް އުޅޭނަމަ އަންގާނީ އެސްއެމްއެސްއިން އަދި މައި-ޕޯޓަލް މެދުވެރިކޮށް." އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ވިދާޅުވިއެވެ.

އެކޮމިޝަނުން ވިދާޅުވީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މަޢުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ވީ.އާރު ހުސްތަންކޮޅެއް ދޫކުރުމަށްފަހު އައިޑީކާޑް ނަންބަރު ޖެހުމަށް ފަހު، 1414އަށް މެސެޖްކޮށްގެން ޗެކް ކުރެވޭނެކަމަށެވެ. އަދި މައި-ޕޯޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެއެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރާނީ ރީ-ރަޖިސްޓްރޭޝަނަށްފަހުއެވެ.

މިފަހަރުގެ އިންތިޚާބުގައި 621 ވޯޓު ފޮށި ބަހައްޓައެވެ.