ޚަބަރު

ޖަރުމަންވިލާތުގެ ފަތުރުވެރިން އިތުރުކުރަން ފަހުމުނާމާއެއްގައި ސޮއިކޮށްފި


  • ފަހުމުނާމާގައި ސޮއިކުރީ ވީއެމްސީއާއި ޑާޓުއަރއާ ދެމެދު

  • އެއްބަސްވުމުގެ ދަށުން އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެންނާނެ

  • ރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ

ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި، އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސްއާއި ޑާޓުއަރއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ، ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލުގެ ތެރެއިންނެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ޑާޓުއަރގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރ އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒަރއެވެ.

މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށާއި، ޖެހިގެން އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މި ފަހުމުނާމާގެ ދަށުން، ދިވެހިރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި، ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަރުމަނުގެ ފަތުރުވެރިންގެ ޝައުޤުވެރިކަމާއި، ސީޒަނަލް ޑިމާންޑަށް ބިނާކޮށް، ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާއި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމަށް ވީއެމްސީން ވިދާޅުވެއެވެ. މީގެ އިތުރުން، ރާއްޖެ އިޝްތިހާރު ކުރުމަށް އެކުލަވައިލާ ސްޓްރެޓެޖީތައް ހަރުދަނާ ކުރުމަށްޓަކައި، ޑާޓުއަރއިން ފަންނީ ލަފަޔާއި މާކެޓް އެކްސްޕަޓީޒް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ފަތުރުވެރިކަމާ ގުޅޭ މުހިންމު ތަފާސްހިސާބުތަކާއި އަދި ބާޒާރުގެ ފަންނީ ތަޞައްވުރު ޙިއްސާ ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މި ފަހުމުނާމާގެ ދަށުން، ދެ ފަރާތުން ގުޅިގެން ޓްރޭޑް އިވެންޓްތަކާއި، ސޭލްސް އެކްޓިވޭޝަންތައް ކުރިއަށް ގެންދާނެއެވެ. މީގެ މައިގަނޑު މަޤުސަދަކީ ޖަރުމަނުވިލާތުގެ ޓްރެވަލް ޓްރޭޑް ދާއިރާއާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ.

ޑާޓުއަރއަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ އަދި ރާއްޖޭގައި ރިސޯޓް އިންވެސްޓްމަންޓްތައްވެސް ގެންގުޅޭ ކުންފުންޏެކެވެ. މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ޑާޓުއަރއާއި އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ. ޖަރުމަނުވިލާތުގެ ޑާޓުއަރ ބެހިގެންވަނީ ޑާޓުއަރ، އައި.ޓީ.އެސް އަދި މެއިރެސް ވެލްޓްރެއިސެން ޓުއަރ އޮޕަރޭޓަރުންގެ މައްޗަށެވެ. މިއީ، ޑާޓުއަރ ގްރޫޕުގެ ބައެކެވެ. ރީވީ ގްރޫޕުގެ ފަތުރުވެރިކަމާ ބެހޭ ގޮފި ކަމަށްވާ ޑާޓުއަރ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ޚިދުމަތް ދޭ މަޤުބޫލު ބްރޭންޑްތަކާއި، ޓްރެވަލް އެޖެންސީތައް އަދި ޑެސްޓިނޭޝަން ސާރވިސްތައް ހިންގަމުންދެއެވެ.

މި ފަހުމުނާމާއަކީ، ރާއްޖެއަށް އެންމެ މުހިންމު ބާޒާރުތަކުގައި ހަރަކާތްތެރިވާ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، ދިގު މުއްދަތަކަށް ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.