ފުލުހުން ނީލަމުގައި ވިއްކަމުން ދަނީ، ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިފަހެއްޓި ހުއިފިލަނޑާތައް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ 2025 ޑިސެމްބަރު 31 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާތީ ކަމަށެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައި ހުރި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ޤަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫންކަމަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލު ކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ޕީ.ޖީ އޮފީހުން މިކަމާ ގުޅޭގޮތުން ދެއްވާފައިވާ ލަފާގައިވަނީ، "ޕްރޮސިކިއުޓް ކުރުމުގެ އިޖުރާއަތު ޤަވާއިދު" ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްޙަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި މިލްކުވެރިކަމާ މެދު ޚިލާފު އުފެދި، ޙަޤީޤީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ޤާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަޙުޤީޤު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދެއްވާފައެވެ. މިގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެ ކަމަށް ޕީ.ޖީ އޮފީހުން ވަނީ ލަފާދެއްވާފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިއަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، ޝަރީއަތުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ޅ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.