އީޖާދީ މަސައްކަތްތަކުގައި އަންހެން ކުދިންނަށް ކުރިއަށް ދިއުމުގައި ހުރި ހުރަސްތައް ނައްތާލާ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މިފަދަ މަސައްކަތްތަކުގައި ކުރިއަރާ ދިއުމުގެ އެންމެހާ މަގުތައް ކޮށައިދީ، އެކަމަށް ބެނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް ވުމަން އެންޑް ގަރލްސް އިން ސައިންސް" ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައެވެ.
ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހެނީ، ޢިލްމު ފެތުރުމާއި އަދި ސިއްޙީ ދާއިރާއާއި މޫސުމީ ބަދަލުތަކުން ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތަކުގައާއި ޓެކްނޮލޮޖީއާއި އީޖާދީ މަސައްކަތްތަކުގައި އަންހެނުން އަދާކުރަމުންދާ ބޮޑު ދަޢުރުކަމަށެވެ.
އަދި ރާއްޖޭގައި މިފަދަ ދާއިރާތަކުން ތަޢުލީމާއި ތަމްރީނާއި އައު ފުރުޞަތުތައް ހޯދައިދިނުމަށް އެއްވެސް ތަފާތުކުރުމެއް ނެތި، އިތުރު މަގުތައް ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ދާއިރާކުން ކުރިއެރުމުގައި މިހާތަނަށް ކުރިމަތިވަމުން އައި ހުރަސްތައް ގިރާކޮށް، އަންހެނުންނާއި އަންހެން ކުދިންނަށް ސްޓެމްގެ ދާއިރާތަކުން ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވަމުން އަންނަ ފަރާތްތަކުގެ މަސައްކަތްވެސް ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި އިތުރު ފުރުޞަތުތައް ހޯދައިދީ، އިޖާދީ އުފެއްދުންތެރި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ ޤައުމުގެ ކުރިއެރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށެވެ.
International Day of Women and Girls in Science reminds us of the vital role women play in advancing knowledge, from health and climate action to technology and innovation. Their contributions are truly irreplaceable. We are proud to see more girls in the Maldives pursuing STEM… pic.twitter.com/5QA74EOT2d
— Dr Mohamed Muizzu (@MMuizzu) February 11, 2026
"އިންޓަރނޭޝަނަލް ޑޭ އޮފް ވުމަން އެންޑް ގަރލްސް އިން ސައިންސް" ނުވަތަ ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
މިއީ ސްޓެމްގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ބާރުއަޅާ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.