ބަންގްލަދޭޝްގައި ކުރިއަށް އޮތް ޢާއްމު އިންތިޚާބުގައި ޒުވާނުންގެ އުއްމީދުތައް ގުޅިފައިވަނީ ވަޒީފާގެ ފުރުޞަތާއި، ހެޔޮ ވެރިކަން އަދި ބިރެއްނެތި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާކަމަށް ބުނެފިއެވެ.
ބަންގްލަދޭޝްގެ އާންމު އިންތިޚާބު އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މިއީ މިދިޔަ އަހަރުގެ ތެރޭގައި ދަރިވަރުން އިސްވެ ކުރި މުޒާހަރާތަކަށްފަހު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރުޝައިޚް ޙަސީނާގެ ވެރިކަން ވައްޓައިލިފަހުން އެ ޤައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.
ފެބުރުވަރީ 12ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ފެނިގެންދާނީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަދި ޖަމާޢަތު-އިސްލާމީ ކަމުގައި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެނެއެވެ. ޙަސީނާގެ އަވާމީ ލީގު ޕާޓީ ވަނީ މި އިންތިޚާބުގައި ވާދަކުރުން މަނާކޮށްފައެވެ.
ބަންގްލަދޭޝްގެ އެންމެފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ 28 އިންސައްތައަކީ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ޙަސީނާ ވެރިކަމުން ދުރުކުރުމުގައި އިސް ދަޢުރެއް ޒުވާނުން އަދާކޮށްފައިވާއިރު، ގިނަ އަދަދެއްގެ ޒުވާނުން އިންތިޚާބުގައި ނުކުމެ ވޯޓުލާނެކަމަށް ލަފާކުރެވެއެވެ.
އެތަކެއް މަސްތަކަކަށް ދިގު ދެމިގެންދިޔަ ހަމަނުޖެހުންތަކުގެ އަސަރު ބަންގްލަދޭޝްގެ އިޤްތިޞާދަށް ވަނީ ކޮށްފައެވެ. މިގޮތުން، ދުނިޔޭ ދެވަނައަށް އެންމެ ބޮޑު އަންނައުނު އުފައްދާ ސިނާއަތާއެކު ބަންގްލަދޭޝްގެ ގިނަ ސިނާއަތްތަކަށް ވަނީ މަޑުޖެހުން އައިސްފައެވެ. އެއާއެކު، ވަޒީފާގެ ބާޒާރަށް ވެސް ވަނީ އެކަމުގެ ލޮޅުންތައް އަރައިފައެވެ.
އެހެންކަމުން، ވަޒީފާގެ ރަނގަޅު ފުރުޞަތުތައް ފަހިވެ، ޚިޔާލުފާޅުކުރުން ފަދަ އަސާސީ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ސަރުކާރެއް އިންތިޚާބުވެގެންދާނެކަމަށް ގިނަ ޒުވާނުން ޢުއްމީދުކުރެއެވެ.