ޚަބަރު

"ލިބެން އޮތް ބޯހިޔާވަހިކަމަކަށް ރިއާޔަތްކޮށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެއް ނާޅާނެ"


  • ޝަރުތު ހަމަނުވާނީ ރަސްމީކޮށް އެ މީހެއްގެ ނަންމަތީގައި ލިޔެފައިވާ ތަނެއް ނަމަ

  • އެފަދަ ތަނެއް އޮތް ނަމަ، ދޫކޮށްލަން އެއްބަސްވާންވާނެ

  • ވަޒީރު ވިދާޅުވީ ދޫކޮށްލާ ބިން ސަރުކާރަށް ނުނަގާނެ ކަމަށް

ފޯމު ހުށައެޅުމުގެ ޝަރުތަކީ އަމިއްލަ ނަމުގައި ރެޖިސްޓްރީކޮށްފައިވާ ތަނެއް ނެތުންކަމަށާއި މުސްތަޤުބަލުގައި ލިބެން އޮތް ތަނަކަށް ރިއާޔަތްކޮށް ޝަރުތު ހަމަ ނުވާކަމަށް ކަނޑަނާޅާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އުސޫލުގައި ހިމަނާފައިވަނީ އަމިއްލަ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނެތުން ނުވަތަ މުސްތަޤުބަލުގައި ތަރިކައިން ނުވަތަ ވާރުތައިން ބައެއް ލިބޭނަމަ ދޫކޮށްލުމެވެ.

އުސޫލުގައި ހިމެނޭ މި ބަޔާ ގުޅިގެން ކުރިމަގުގައި ވާރުތައިން މައިންބަފައިންގެ ބިމެއް ލިބެން އޮތް ނަމަ، މިހާރު ހުޅުވާލާ ސްކީމަށް ކުރިމަތި ލެވޭނެތޯ ނުވަތަ ނޫންތޯ، މިކަމާ ގިނަ ބަޔަކު ދަނީ ސުވާލު ފުއްދަމުންނެވެ.

މިކަމަށް ޖަވާބުދެއްވާ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މައިންބަފައިންގެ ގޯތި ބެހުމުގައި ވަކި ގޮތެއް ނުނިމި ނުވަތަ ގޯތި ބެހުމާ ގުޅޭ މަސައްކަތެއް ކުރިއަށް ނުދާނަމަ، އެމީހެއްގެ ޝަރުތައް އުނިކަމެއް ނާންނާނެކަމަށެވެ.

ޝަރުތު ހަމަ ނުވާނީ ނުވަތަ ބިން ދޫކޮށްލަން ޝަތުރު ކުރަންޖެހޭނީ، އެމީހެއް އަމިއްލަ ނަމުގައި އެ ބިމެއްގެ ރެޖިސްޓްރީ ރަސްމީކޮށް ލިޔެވިފަވާ ތަންތަންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް ބިން ދޫކޮށްލަން އެއްބަސްވާ ޙާލަތުގައިވެސް، އެފަދަ ބިންތައް ސަރުކާރަށް ނުނަގާނެކަމަށެވެ.

"މުސްތަޤުބަލުގައި އެފަދަ ތަނެއް ލިބެއް އިން ނަމަވެސް، ޝަރުތުގައި ބުނާގޮތުން އެތަން އެމީހާ ދޫކޮށްލި ނަމަވެސް ސަރުކާރަކަށް ނުނަގާނެ. އޮންނަ އުސޫލަކުން ދެން އެ ބިމެއް ވާރުތަވާ މީހުންގެ މެދުގައި ބަހަން އޮންނާނީ. ދަޢުލަތަކަށް ބިން ނުނަގާނަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުސްތަޤުބަލުގައި ވެދާނެ ކަމަކަށް ރިއާޔަތް ނުކުރާނެކަމަށެވެ. އެތަނެއް ވާންވާނީ އެމީހެއްގެ ޙައްޤާއި މިލްކުވެރިކަމެއް އުފަންވެފަވާ ތަނަކަށްކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލެ ސަރަޙައްދުގައި ބިންވެރިކަމާ، އެމީހެއްގެ ނަންމަތީގައި ރެޖިސްޓްރީކޮށްފައިވާ ފްލެޓެއް ނުވަތަ އެނޫންވެސް ތަންތަނާ ގުޅޭ މަޢުލޫމާތު ސިޓީ ކައުންސިލް އަދި އެޗްޑީސީ މެދުވެރިކޮށް ލިބެން އެބަހުރިކަމަށެވެ. ނަމަވެސް ރަށްރަށުގައި އެ މަޢުލޫމާތު ކަށަވަރުކުރުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުންނާނެކަމަށެވެ.

ވަޒީރު ވިދާޅުވީ ފޯމު ހުށައަޅާއިރު އެމީހާގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ވަގުތުން އެނގޭކަމަށެވެ. އަދި ހުށައަޅާފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

15000 ގޯއްޗާއި 7900 ފްލެޓަށް ހުޅުވާލާފަވާއިރު، މިހާތަނަށް 3600އަށްވުރެ ގިނަ ފޯމު ހުށައަޅާފައެވެ. ފޯމު ހުށައެޅުމުގައި ތެދު މަޢުލޫމާތު ހިމެނުމާއި، ބެނުންވާ ލިޔެކިޔުންތައް ހަމަކޮށް ނިންމުމަށްފަހު ހުށައެޅުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.