ޚަބަރު

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން ޔަހޫދީން ފޭރިގެންފި


2023ވަނަ އަހަރު ޔަހޫދީން ފާސްކުރި ޤާނޫނެއްގެ ދަށުން ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން އަތުލައި އެ މީހުން ޑިޕޯޓުކުރުމަށް ޢަމުރުކޮށްފިއެވެ. މިއީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ޔަހޫދީން އުފައްދާފައިވާ ޔަހޫދީ ދައުލަތުގެ ރަށްވެރިކަން ފަލަސްޠީނުގެ ރައްޔިތެއްގެ އަތުން މި ޤާނޫނުގެ ދަށުން އަތުލާފައިވާ ފުރަތަމަ ފަހަރެވެ.

ޔަހޫދީންގެ އެ ޤާނޫނަކީ ޔަހޫދީ ދަޢުލަތުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ރަށްވެހިވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ފާސްކޮށްފައިވާ ޤާނޫނެކެވެ. އެ ޤާނޫނުގައި ބުނާ ގޮތުގައި ޔަހޫދީން އެ މީހަކާ ދެކޮޅަށް ވަކި ދައުވާއެއް އުފުލާފައިވާ މީހުންނާއި ވަކި ހުކުމެއް އިއްވާފައިވާ މީހުންގެ ރަށްވެހިކަން ޔަހޫދީންނަށް އަތުލެވޭނެއެވެ.

ޔަހޫދީން ޑިޕޯޓްކޮށްލުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ޖަލެއްގައި 23 އަހަރު ހޭދަކުރުމަށް ފަހު 2024ވަނަ އަހަރުގެ ތެރޭގައި މިނިވަންވެފައިވާ މީހަކު ހިމެނެއެވެ. ދެވަނަ މީހާއަކީ 2016ވަނަ އަހަރުން ފެށިގެން ޔަހޫދީ ޖަލެއްގައި 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. ޔަހޫދީން ވަނީ ކުރިއަށް އޮތް ތަނުގައި ފަލަސްޠީނުެގެ އިތުރު ރައްޔިތުންގެ ރަށްވެހިކަން އަތުލައި ޑިޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.

އިންސާނީ ހައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކާއި އެހެން ޖަމްޢިއްޔާތަކުން ވަނީ ޔަހޫދީންގެ އެ ޤާނޫނަކީ ވަރަށް ނުރައްކާތެރި ޤާނޫނެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއީ ހުޅަނގުގެ ޑިކޮމްރަސީއަކުން ސިޔާސީ ސަބަބަކާ ހުރެ ބައެއްގެ ރަށްވެހިކަން ނިގުޅައިގަތުމަށް ފުރުޞަތުދޭ ހަމައެކަނި ޤާނޫނު ކަމަށް ބައެއް ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. ޔަހޫދީ ދައުލަތުގެ 10 މިލިޔަން މީހުންގެ އާބާދީގެ 20 އިންސައްތައަކީ ފަލަސްޠީނުގެ ރައްޔިތުން ކަމަށް ވީއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފަލަސްޠީނުގެ އެތައް ރައްޔިތެއްގެ ރަށްވެހިކަން އަތުލުމުގެ ފުރުޞަތު އޮތް ކަމުގެ ކަންބޮޑުވުން ޖަމްޢިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ.

ބެލެވޭ ގޮތުގައި ޔަހޫދީން މި ޤާނޫނުގެ ދަށުން ދެ މީހެއްގެ ރަށްވެހިކަން ނިގުޅައިގެންފައި މި ވަނީ އޮކްޓޯބަރު މަހުގައި ބާއްވާ ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބާ ގުޅުވައި ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީ ދައުލަތާ ދެމެދު ނުތަނަވަސްކަން އިތުރުކުރުމަށެވެ.