ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 36 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • މިތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 12ވަނަ ދުވަހު

  • މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށްވުރެ އިތުރު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، މިތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން މާލޭ ކޮމާޝަލް ހާބަރަށް ގެނައި މުދާ ޝިޕްމަންޓެއް މިމަހުގެ 12 ވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވިގެން މިތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން މިތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 36.43 ކިލޯއަށް އަރާއިރު، މިތަކެތީގެ މަގުމަތީ އަގު 29 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަރައެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކާ، އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ.