ޚަބަރު

ދުނިޔެ އެންމެ ހޫނުވި ތިން އަހަރުގެ ތެރޭގައި 2025ވަނަ އަހަރު


ޕެރިސް އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ 10 އަހަރު ފާއިތުވެފައިވާއިރު، އަލަށް ނެރެފައިވާ މޫސުމާބެހޭ މަޢުލޫމާތުން އަދިވެސް ހަލުވިކަމާއެކު ދުނިޔެ ހޫނުވަމުންދާ ކަމަށް ދައްކައިފިއެވެ.

ދުނިޔޭގެ ތާރީޚުގައި ވެސް ރެކޯޑު ކުރެވިފައިވާ އެންމެ ހޫނު ތިން އަހަރުގެ ތެރޭގައި ފާއިތުވި 2025ވަނަ އަހަރު ހިމެނެއެވެ. ކަނޑުގެ ހޫނުމިނާއި ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ މިންވަރު ވެސް މީގެ ކުރިން ނުއުފުލޭ މިންވަރަށް އެ އަހަރުގެ ތެރޭގައި އުފުލިފައިވެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތިމާވެއްޓާ ގުޅޭ ގިނަ ސިޔާސަތުތަކަކަށް ޢަމަލުކުރުން ހުއްޓައިލާފައެވެ. ޓްރަމްޕް ވިދާޅުވަނީ ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކަކީ ފުލޯކު ވާހަކަތަކެއް ކަމަށެވެ. އޭގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި ދަނީ ސުވާލު އުފައްދަމުންނެވެ. އެއާއެކު މޫސުމީ މައްސަލަތަކަށް ދުނިޔެއިން ދެމުންދާ ސަމާލުކަން ދަނީ ކުޑަވަމުންނެވެ.

މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި އދގެ އަހަރީ ބައްދަލުވުމުގައި މޫސުމީ ބަދަލުތަކަށް ކުރިމަތިލުމަށް އެހީވުމަށް ފަޤީރު ޤައުމުތަކަށް އިތުރަށް ފައިސާ ދިނުމަށް ޤައުމުތަކުން އެއްބަސްވެފައިވެއެވެ. ނަމަވެސް، މަރުހަލާތަކަކަށް ބަހާލައިގެން ފޮސިލް ފިއުލް ބޭނުން ކުރުން ހުއްޓައިލުމަށާއި ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުކުރުމާ ގުޅޭގޮތުން މާ ތަފްޞީލީ ނިންމުންތަކެއް ނިންމިފައެއް ނުވެއެވެ.

އެންމެ ފަހުން އެއްކޮށްފައިވާ މަޢުލޫމާތުން ދައްކާގޮތުގައި 2010ގެ އަހަރުތަކުގެ މެދަކާ ހިސާބާ އަޅާ ބަލާއިރު ދުނިޔެ ހޫނުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދުނިޔޭގެ މޫސުމާ ބެހޭ ޖަމްޢިއްޔާ، ޑަބްލިޔުއެމްކޯ ގްލޯބަލް އެތްމޮސްފިޔަރ ވޮޗުން ދައްކާ ގޮތުގައި ކާބަންޑައިއޮކްސައިޑްއާއި މީތޭންއާއި ނައިޓްރަސް އޮކްސައިޑް ޖައްވުގައި ހުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ސަބަބުން 2023ވަނަ އަހަރާއި 2025ވަނަ އަހަރާ ދެމެދު ދުނިޔޭގެ ހޫނުމިން ވަނީ އިތުރުވެފައެވެ.

ކާބަންޑައިއޮކްސައިޑް ޖައްވުގައި ހުރި މިންވަރު 38.1 ބިލިޔަން ޓަނަށް 2025ވަނަ އަހަރު އަރާފައިވާ ކަމަށް ބެލެވޭއިރު، މިއީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރި ނަމަވެސް ބޯޓުދެއްޔާއި ތެލާއި ގޭސް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމަށް ގްލޯބަލް ކާބަން ރިޕޯޓުގައި ބުނެފައިވެއެވެ.

130އަށްވުރެ ގިނަ ސައިންސުވެރިން އެކުލަވާލާފައިވާ މި ރިޕޯޓުގައި އިތުރަށް ބުނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކާބަންޑައިއޮކްސައިޑްގެ މިންވަރު 1.1 އިންސައްތަ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެއާއެކު ދުނިޔޭގައި ސިނާޢީ މަސައްކަތްތައް ކުރަން ފެށުމުގެ ކުރިން
ޖައްވުގައި ކާބޮންޑައިއޮކްސައިޑް ހުރި މިންވަރު، 52 އިންސައްތައަށް އިތުރުވާނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ސިނާޢީ މަސައްކަތްތައް ނުފަށާއިރު ދުނިޔެ އޮތް ހޫނުމިނަށްވުރެ 1.5 ޑިގްރީ ސެލްސިއަސްގައި ދުނިޔެ ހޫނުވެފައިވާ މިންވަރު ހިފަހައްޓަން ބޭނުންވާ ނަމަ، ދެން ވައިގެ ތެރެއަށް އިތުރަށް ދޫކުރެވޭނީ 170 ބިލިޔަން ޓަނުގެ ކާބޮންޑައިއޮކްސައިޑްއެވެ. އެއީ މިހާރު އެ މާއްދާ ޖައްވަށް ދޫކުރާ މިންވަރަށް ބަލާނަމަ ގާތްހަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި އެ މާއްދާ ޖައްވަށް ދޫވާ މިންވަރެެވެ.

ޗައިނާއާއި އިންޑިޔާއާއި އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ކާބޮންޑައިއޮކްސައިޑް ދޫކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ޖަޕާނުގައި އެ ޢަދަދު ދަށަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ. ޗައިނާގެ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވިފައި މި ވަނީ އެ ޤައުމުން އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި ޚަރަދުތައް ވެސް ކުރަމުން ދަނިކޮށެވެ.

ނާސާގެ ގޮޑާޑް އިންސްޓިޓިއުޓް އޮފް ސްޕޭސް ސްޓަޑީޒްއިން ބުނީ ދުނިޔޭގެ ފަށަލައިގެ ހޫނުމިން 2025ވަނަ އަހަރު ހުރީ 1951ވަނަ އަހަރާއި 1980ވަނަ އަހަރާ ދެމެދު ހުރި އެވަރެޖް ހޫނުމިނަށްވުރެ 1.19 ޑިގްރީ ސެލްސިއަސް އިތުރަށް ކަމަށެވެ. 2023ވަނަ އަހަރު ވެސް ހޫނުމިން ހުރީ އެ ވަރުގައެވެ. އެއާއެކު އެ ދެ އަހަރު ވެސް ވެފައި ވަނީ މިހާތަނަށް ދުނިޔެ އެންމެ ހޫނުވި ކަމަށް ރެކޯޑުކުރެވިފައިވާ ދެ އަހަރަށެވެ.

1850ވަނަ އަހަރާއި 1900ވަނަ އަހަރާ ދެމެދު ދުނިޔޭގެ ހޫނުމިން ހުރި މިންވަރަ އަޅާ ބަލައިއިރު ދުނިޔޭގެ ހޫނުމިން މިހާރު 1.44 ޑުގްރީ ސެލްސިއަސް އިތުރުވެފައިވާ ކަމަށް ޑަބްލިޔުއެމްއޯއިން ބުނެއެވެ. އެހެން ކަމުން މި މަޢުލޫމާތަށް ބަލާ ނަމަވެސް ފާއިތުވި 176 އަހަރުގެ ތެރޭ އައި އެންމެ ހޫނު ތިން އަހަރުގެ ތެރޭގައި 2025ވަނަ އަހަރު ހިމެނެއެވެ.