އަޚްލާޤް ރަނގަޅު ޢިލްމީ ޤާބިލު ދަރީންތަކެއް އުފެއްދުމަކީ އަންނަން އޮތް އަހަރުތަކަށް ޤައުމުގެ ތަރައްޤީއަށާއި ޤައުމު ހިންގުމުގައި އިސްކޮށް ތިބޭނެ ދަރިންތަކެއް އުފެއްދުމަށް ކުރަން ޖެހޭ މުހިއްމު މަސައްކަތެވެ. އަޚުލާޤު ރަނގަޅު ދަރިންތަކެއް އުފައްދޭނެ އެންމެ މުހިއްމު އެއްތަނަނީ މަދަރުސާތަކެވެ.
މަދަރުސާތަކުގެ އިތުރަށް މިކަމުގައި މުޖުތަމަޢުގެ އެއްބާރުލުމާއި މުޖުތަމައުގެ އަޚުލާޤުވެސް މުހިއްމެވެ. މިކަމުގައި މުޅި އެންމެންގެ ބައިވެރިވުމުން އިންތިޚާއަށް މުހިއްމެވެ. އަޚުލާގު ރަނގަޅު ދަރިންތަކެއް އުފެއްދުމަށް ސަރުކާރުން ފެއްޓެވީ ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ"އެވެ. މި ޕްރޮގްރާމް މިހާރު ރާއްޖޭގެ އެކި ސްކޫލްތަކުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.
ތަރުބަވީ ޚާއްސަ ޕްރޮގްރާމް "ބިންގާ"އަކީ އަޚްލާޤީ ރީތި ސިފަތަކާއި އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަޤްޞަދުގައި ސްކޫލްތަކާއި ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ. ތަރުބަވީ ޚާއްސަ ޕްރޮގްރާމް ކުރިއަށްގެންދަނީ ވަކިވަކި ތީމްތަކަކަށް ބަހާލައިންގެންނެވެ.
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު ފެށި މި ޕްރޮގްރާމް ސްކޫލްތަކުން ފެށީ "ޝުކުރުވެރިވުން" މި ތީމްއާއެކުގައެވެ. މި ތީމްއަށް ސްކޫލްތަކުގައި އެކި ހަރަކާތްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. ޝުކުރުވެރިވުމުގެ މުހިއްމުކަމާއި ޝުކުރުވެރިވާނީ ކިހިނެއްކަން އަންގައިދީ ދަރިވަރުންނަަށް ކިޔައިދެއެވެ. އަދި އެކި ވީޑިއޯ ކްލިޕްތައް ތައްޔާރުކުރުމަށްފަހު ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.
މި ޕްރޮގްރާމް "ޝުކުރުވެރިވުން" މި ތީމްއާއެކު ފެށިނަމަވެސް ކޮންމެ މަހެއްގައިވެސް ތަފާތު ތީމްތައް ކަނޑައަޅާނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ދީނީ ވާޖިބުތަކާއި އަޚްލާޤީ ރިވެތި ސިފަތަކާއި އާދަތަކަށް އަހުލުވެރިކުރުމަށް އަމާޒުކޮށް ކޮންމެ ސްކޫލްއަކުންވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އޭގެ ތެރޭގައި އިޙްތިރާމް ކުރުމާއި ޒިންމާނެގުމާއި ސާފުތާހިރުކަމާއި އަޅާލުމާއި އޯގާތެރިކަން އިސްކުރުންފަދަ ރިވެތި ސިފަތަކާއި އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގަންނެވުން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފަރުޟު ފަސް ނަމާދުކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ މަހަކަށް ކަނޑައަޅާ ތީމްއާއި ނަމާދުގެ މާތް އަޅުކަމާގުޅިގެންދާ ގޮތް ދަރިވަރުންނަށް އަންގައިދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރަށް ކޮންމެ މަހަކަށް ކަނޑައަޅާ ތީމް ތަޢާރަފްކުރުމަށް ކޮންމެ މަހަކު ޚާއްސަ އެސެމްބްލީއެއް ބޭއްވުމާއި ތީމްއާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދޭންޖެހެއެވެ. އަދި ރަށު ފެންވަރުގައި ޕެނަލް ޑިސްކަޝަނެއް ފަދަ ބޮޑު ހަރަކާތެއް ކުރިއަށްގެންދިޔުމާއި އެކި މާއްދާތަކުގެ ތެރެއިން ތީމްއާ ގުޅޭ މަޢުލޫމާތުތާއި ހުނަރުތައް ދަސްކޮށްދޭންވެސް ޖެހެއެވެ.
މި ކަންކަމުގެ އިތުރުންވެސް ސްކޫލުން ރާވާ އިންތިޒާމްކުރާ ކޮންމެ ހަރަކާތަކީ ދަރިވަރުންގެ ކިބައިގައި ރިވެތި އަދަބާއި އާދަަތައް އަށަގެންނެވުމަށް ބާރުލިބިދޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތަކަށްވެސް ހަދަންޖެހެއެވެ.
އެހެންކަމުން މި ޕްރޮގްރާމްއަކީ މިއަދު ސްކޫލް މާހަލައުން މަދުންނަމަވެސް ފެންނަމުންދާ އަޚުލާޤީ މައްސަލަތަކަށް ހައްލެއް ގެނުވާނެ ޕްރޮގްރާމެކެވެ.
މިފަދަ ޕްރޮގްރާމްގެ ސަބަބުން މުދައްރިސުންނަށް އިޚުތިރާމް ކުރަން ދަންނަ އަދި މުޅި ސްކޫލް މާހައުލުގައިވެސް އަޚުލާޤީ ރިވެތި ދަރިވަރުންތަކެއް އުފެއްދުމުގެ މަގުފަހިވެގެންދާނެއެވެ. ނަމަވެސް މިއީ ހަމައެކަނި ސްކޫލްގެ 4 ފާރު އެތެރޭގައި ކުރާކަމެއްގެ ބަދަލުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުންވެސް މިކަމަށް ލިބުން މުހިއްމެވެ. އެއާއެކު އުފެދިގެންދާނީ އަޚުލާޤު ރަނގަޅު އިޚުތިރާމް ކުރަން ދަންނަ އެންމެންގެ ލޯބި ލިބިގެންވާ ދަރިވަރުންތަކެކެވެ.