ޚަބަރު

ފުނަދޫ ޓެކްނިކަލް ވޮކޭޝަަނަލް ސެންޓަރުގެ ބިންގާ އަޅައިފި


  • ފުނަދޫ ޓިވެޓް ސެންޓަރު ތަރައްޤީކުރަނީ 2 ފަންގިފިލާއަށް

  • މިމަސައްކަތް 1 އަހަރުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައި

ސަރުކާރުން ށ.ފުނަދޫގައި ތަރައްޤީކުރާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިސެންޓަރުގެ އިތުރުން ފުނަދޫގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ މަސައްކަތްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިންދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާ ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ސަރަޙައްދުތަކުގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ށ.ފުނަދޫގައިވަނީ މިފަދަ ސެންޓަރެއް ތަރައްޤީކުރުމަށް ބިންގާއަޅާފައެވެ.

މިސެންޓަރުގައި އެކި ފަންނުތައް ދަސްކޮށްދޭ އެކި ލެވެލްގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ފުނަދޫގައި މިސެންޓަރު ތަރައްޤީކުރަނީ 17,500 އަކަފޫޓުގެ ބިމެއްގައި 2 ފަންގިފިލާއަށެވެ. މިމަޝްރޫޢުގެ ދަށުން ސެންޓަރުގައި އެކި ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައިސީޓީ ލެބޯރެޓަރީއެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ފަދަ ތަޢުލީމީ މަރުކަޒަކަށް ބޭނުންވާނެ އެންމެހާ މުހިއްމު ވަޞީލަތްތައްވެސް ޤާއިމުކުރެވޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 1 އަހަރުގެ ތެރޭގައި ނިންމާ ގޮތަށްކަމަށެވެ.

މިމަޝްރޫޢުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫ، ރ. އަލިފުށި، ނ. ވެލިދޫ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގައި މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިމަޝްރޫޢުގެ އިތުރުން، ފުނަދޫގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ފެށުމަށް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށްގެންދާ ޓިވެޓް ސެންޓަރުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއެކު ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވޭނެ އިންތިޒާމް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.