ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާއި ބެހޭ ޤާނޫނު އިސްލާހު ކުރަން ހުށަހަޅައިފިއެވެ. މި އިސްލާހު ހިމަނާފައިވަނީ ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވި ބިލުގައެވެ.
ސަރުކާރުން ވަޒީފާއާއި ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވާ އެންމެ މުހިންމު އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ޤާނޫނު އިސްލާހު ކުރުމެވެ. މި އިސްލާހުގައިވާ ގޮތުން މި ފުރުސަތުދޭ ވިޔަފާރިތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުންނެވެ. އަދި ވަޒީރުންގެ މަޖިލީހުން މިކަން ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންކަން ވަނީ ހިމަނާފައެވެ.
ޤާނޫނުގެ 4-65 ގެންނަ އިސްލާހުގައި ވަޒީރުންގެ މަޖިލީހުން ރިއާޔަތް ކުރަން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށް އެ ވިޔަފާރިތަކުން އިޤްތިޞާދުގައި އަދާކުރާ ދައުރު ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން މިފަދަ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާތައް އިތުރުކުރުމާއި ބޮޑު ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ފަރަޤު ކުޑަކުރުމަށްވެސް މަސައްކަތް ކުރަން ވަނީ ހިމަނާފައެވެ. އަދި ވިޔަފާރީގެ ފެންވަރު މަތިކޮށް ވިޔަފާރީގެ ދައިރާގައި އިޖާދީ ގޮތްތައް ހޯދުމަށް ހިއްވަރު ދިނުމަށް މަގުފަހިކުރުމަށްވެސް މި އިސްލާހުގައި މި ފުރުސަތު ދޭ ވިޔަފަރިތަކުގެ ބާވަތް ކަނޑައަޅާއިރު ރިއާޔަތް ކުރުމަށް ވަނީ ހިމަނާފައެވެ.
ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވަނީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ 58 މެންބަރުންގެ އަޢުލަބިއްޔަތުން މި ބިލު މަޖިލީހަށް ވަނީ ބަލައިގެންފައެވެ. މިއާއެކު ބިލު ދިރާސާ ކުރުމަށް ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް މިއަހަރު ވަނީ ފަށާފައެވެ. މިމަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވުމަށް ފަހު އެ ވިޔަފާރިތަކުން ހުށަހެޅި ކަނބޮޑުވުންތަކާއި ގުޅިގެންނެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ އަށް ބޮޑު ޚަރަދެއްކޮށްގެން މަސައްކަތްތެރިން ގެނައުމަކީ އެބައްދަލުވުމުގައި ވިޔަފާރިތަކުން ހުށަހެޅި ކަންބޮޑުވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބައްދަލުވުމުގައި ވިޔަފާރިތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހާއްސަކޮށް ދެ އަހަރު ތެރޭގައި މި ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.