ކުޅިވަރު

ފާޑުކިޔަސް އިންޑިޔާ ބަލިކުރެވުނީ އަހަރުމެންނަށް އެކަނި: ސަދަބް ހާން


ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިން މިހާރުގެ ކްރިކެޓް ޓީމަށް ފާޑުކިޔާތީގެ ސަދަބް ހާން އެކަމަށް ރައްދު ދީފި އެވެ.

ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ސަލްމާން މިރްޒާ އާއި ޝާހިދު އަފްރީދީ އާއި މުހައްމަދު ޔޫސުފް ފަދަ ކުޅުންތެރިން ވަނީ ޓީމުން ތިން ކުޅުންތެރިއަކު ބާކީ ކުރުމަށް ގޮވާލައިފަ އެވެ. މި ތިން ކުޅުންތެރިންގެ ތެރޭގައި ސަދަބް ހާން ހިމެނެ އެވެ. އަނެއް ދެ ކުޅުންތެރިންނަކީ ޝާހީން ޝާހް އަފްރީދީ އާއި ބާބަރް އަޒަމް އެވެ.
މިކަމާ ގުޅިގެން ސަދަބް ބުނީ ކުރީގެ ކުޅުންތެރިން ކިޔާނެ ކޮންމެ ފާޑެއް ކިޔަންވީ ކަމަށެވެ.

"އެ މީހުންނަކީ ލެޖެންޑުން. ބޭނުން ވާހަކައެއް ދެއްކިދާނެ. އެކަމަކު އަހަރެން ބުނަން އޮތީ އެންމެ ވާހަކަ އެއް. އަހަރުމެން ކްރިކެޓްގައި ކުރި ކަމެއް އެމީހުންނަށް ނުކުރެވެނު. އަހަރުމެން ވޯލްޑް ކަޕުގައި އިންޑިޔާ ބަލިކުރިން. އެ މީހުންނަސް އެކަމެއް ނުވި. އެހެންވީމާ މީގައި ފާޑުކިޔައިގެން ވާނެ ފައިދާއެއް އޮތް ހެނެއް ހިޔެއް ނުވޭ،" ސަދަން ހާން ބުންޏެވެ.

ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާން މިހާރު ވަނީ އިންޑިޔާގެ ފަހަތުން ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި ފަސޭހަކަމާއެކު ނެމީބިއާ ބަލިކޮށްގެންނެވެ.
ސަދަން ބުނީ މުބާރާތުގެ ގަދަ އަށެއްގެ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށާއި މުބާރާތް މި ހިސާބުން އުނދަގޫ ވާނެ ކަމަށެވެ.

"ގަދަ އަށެއްގެ އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. އަހަރުމެން ވަރަށް މަސައްކަތް ކޮށްގެން މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރު ކުރެވޭނީ،" ސަދަބް ހާން ބުންޏެވެ.

އިންޑިޔާ އާއި ސްރީލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގަދަ އަށަކަށް ކޮންމެ ގްރޫޕުން ވެސް ދަތުރު ކުރީ ހަތަރު ގްރޫޕުގެ އެންމެ ގަދަ ދެ ޓީމެވެ.