ކުޅިވަރު

ރެފްރީ ގޯސް، ރެއާލްގެ ކުޅުންތެރިންނަށް ކާޑު ނުދައްކީ ގަސްތުގައި: މޮރީނިއޯ


ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޕްލޭއޯފްގައި އަންގާރަ ދުވަހުގެ ރޭ ޕޯޗުގަލްގެ ބެންފީކާ އަތުން ރެއާލް މެޑްރިޑް މޮޅުވި މެޗުގެ ރެފްރީ ވަރަށް ގޯސް ކަމަށް ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކުރިން ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދިން ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗު ބުނީ ރެފްރީ ފްރޭންކޮއިސް ލެޓެޒިއާ ގަސްތުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަށް ކާޑު ނުދެއްކީ ކަމަށެވެ. މޮރީނިއޯ ބުނީ ރެފްރީ އޭނާ އަށް ރަތްކާޑު ދައްކައި ފޮނުވާލީ މި ވާހަކަ ސާފުކޮށް ބުނުމުން ކަމަށެވެ.

"ރެއާލްގެ ޑިފެންޑަރުންނަށް ބަލާއިރު އެންމެން ވެސް ތިބީ އެއް ކާޑުގައި. އެ މީހުންނަށް އިތުރު ކާޑެއް ދައްކައިފިނަމަ ޔަގީނުން ވެސް އެ މީހުންނަށް ދެ ވަނަ ލެގުގެ މެޗު ގެއްލޭނެ. މިކަން ރެފްރީ އަށް ވަރަށް ސާފުކޮށް އެނގޭ. މިހެންވެ އަހަރެން ގޮސް އޭނާއާ ދިމާލަށް ބުނީ އަހަރެން 1400 އަށްވުރެ ގިނަ މެޗުގައި ކޯޗެއްގެ ގޮތުން ހުރެފީމޭ. އަހަރެންނަށް އެނގެއޭ ރެފްރީން ކަންކުރާ ގޮތް. އެ މީހުންނަށް ކާޑު ނުދައްކަނީ މިހެންވެއޭ. މިހެން ބުނެގެން އޭނާ އަހަރެންނަށް ރަތްކާޑު ދެއްކީ. ސީދަލަށް ވާހަކައެއް ބުނީމާ އަބަދުވެސް ކާޑު ދައްކަނީ އަހަރެންނަށް،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ކުރިން ވަކިވަކި ކުޅުންތެރިންގެ އެފަދަ މައުލޫމާތު އެއްކޮށް އެ މީހުންނަށް ކާޑެއް ދައްކައިފިނަމަ ކުރިއަށް އޮތް މެޗު ނުކުޅެވޭނެތީވެ ރެފްރީން ނިންމުންތައް ނުނިންމާ ތިބުމަކީ ބޮޑުވެގެންވާ މައްސަލައެއް ކަމަށެވެ.

"މީގެ ސަބަބުން އެތައް ބައެއްގެ ހައްގު ގެއްލޭ. އަހަރުމެންނަށް ސާފުކޮށް ބުނަން އެނގޭ ރެފްރީ އަށް މި ފަދަ މައުލޫމާތު އެނގޭތީވެ އޭނާ ކާޑު ނުދެއްކީކަން. މިއީ ބޭ އިންސާފު. މެޗުގައި ކުޅުންތެރިއަކާ ދިމާލަށް ގޯސް ބަހެއް ބުނެގެން އެކަންޏެއްނޫން މެޗުގައި ހިނގާ ކަންކަން ގޯސްވަނީ،" ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއުސް ޖޫނިއާއާ ނަސްލީގޮތުން ދިމާކުރުމުން މެޗު 10 މިނިޓަށް މެދުކަނޑާލި ހާދިސާ އަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.

މި މެޗުގައި ރަރް ކާޑު ދެއްކުމުން މި ދެ ޓީމު ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅޭއިރު މޮރީނިއޯ އަށް ބެންޗުގައި ނީނދެވޭނެ އެވެ.