ޚަބަރު

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ


މި ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން މާލެއާ ރަށްރަށުގައި ޚިދުމަތްދޭ ގަޑިތައް އެއިދާރާއިން ހާމަކޮށްފިއެވެެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އާންމު ދުވަސްތަކެކޭ ވެސް އެފަދައިން ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށެވެ. މާލެ ސަރަހައްދުގައި ޕާސްޕޯޓާ ހަވާލުވުމަށް އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 13:00 އަށް ކަަމަށާއި، ހުކުރު ދުވަހު ނަންބަރު ދޫކުރާނީ 09:15 އިން 11:00 އާ ހަމައަށްކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ރަށްރަށުގައި ހުންނަ އޮފީސްތަކުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 09:15 އިން ފެށިގެން 12:00އަށް ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން 9555333 ގުޅުއްވައިގެން ކުރިއަށްގެންދިއުމަށް އެއިދާރާއިން ވަނީ އެދިލައްވާފައެވެ.

އިމިގްރޭޝަނުން ދޭ ވިސާގެ ޚިދުމަތް ރަމަޟާން މަހު ދޭނެ ގަޑިތައްވެސް އިމިގްރޭޝަނުން ވަނީ އާންމުކުރައްވާފައެވެ. އެގޮތުން އީ-ވިސާއަށް އެދި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގައިއިރު ހުށަހެޅޭނެކަމަށާއި، ވިސާގެ ޚިދުމަތް ސްޓަރ ކްލައުޑްސް ބިލްޑިންގުގެ 8 ވަނަ ފަންގިފިލާއިން ހެނދުނު 09:00 އިން 13:00 އަށް ލިބޭނެކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އެންފޯސްމަންޓު އެންޑް ކޮމްޕްލަޔަންސް ޑިވިޜަނުން ފޯރުކޯށްދޭ ރިޕެޓްރިއޭޝަންއާ ގުޅުންހުރި ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު ފަހު 14:00 އަށް ލިބޭނެކަން އެއިދާރާއިން ފާހަގަކުރައްވައެވެ.

ސީޕޯޓުގެ ޚިދުމަތްތަކަށް ބަލާއިރު، ހުކުރު ދުވަސް ނޫން އެހެން ކޮންމެ ދުވަހެއްގެވެސް ފަތިހު 05:20 އިން މެންދުރު 12:00 އަށް އަދި 13:00 އިން 17:30އަށް ޚިދުމަތްދޭއިރު، ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށް ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު ސޫޕޯޓުގެ ޚިދުމަތްދޭނީ މެންދުރު ފަހު 14:30 އިން ހަވީރު 17:30އަށް އަދި ރޭނގަނޑު 20:00 އިން ފަތިހު 04:00 އާހަމައަށެވެ. މީގެ އިތުރުން ފަތިހު 05:30 އިންހެނދުނު 08:00 އަށްވެސް ހުކުރު ދުވަހު ސީޕޯޓުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުއްޓާއި، އުލިގަން އަަދި ހިތަދޫ ސީޕޯޓުގެ އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރު 13:00އަށް ކަމަށް އިމްގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.