ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ. އިޙްޔާ ފޯރްމަ ޚާއްސަ ކޮށްފައިވަނީ "ރަމަޟާން މަހުގެ މަތިވެރިކަން" މި މަޢުޟޫއަށެވެ.
"ރަމަޟާން މަހުގެ މަތިވެރިކަން" މި މަޢުޟޫއަށް ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މި މަހުގެ މާތްކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. ޚާއްސަކޮށް މިމަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށްވުމުން އެކަމުގެ މާތްކަމަށާއި އަދި މިމަހުގައި އަންނަ އެންމެ މާތް ރޭ ލައިލަތުލްޤަދުރިވިލޭރޭގެ މާތްކަމަށް ވަޒީރު އަލިއަޅުވާލެއްވިއެވެ. ވަޒީރު ވަނީ ރަމަޟާން މަހަކީ ދުޢާގެ މޫސުންކަން ފާހަގަކުރައްވާ އަޅުގަނޑުމެންނަށް ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކާއި އުޚުރަވީ ހަޔާތަށްޓަކައި ކުރާ އުންމީދުތަކުގެ ވާހަކަ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ދެންނެވުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމްގެ މާތް ސުންނަތުން ވަރަށް ގިނަ ދުއާތައް އުނގަންނަވައިދެއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިފަދަ ދުޢާތަކުން އިލްހާމްކޮށްދެނީ ﷲ ސުބުހާނަހޫ ވަތަޢާލާއައި އެކަލާނގެ އަޅާއާ ދެމެދު އޮންނަންވީ ވަރުގަދަ ގުޅުންކަމަށާއި އެ ގުޅުން ޤާއިމްކޮށްފިނަމަ ބާއްޖަވެރިކަން ދެއްވާނެކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަސް ގޮވާލައްވާފައެވެ.
"ރޯދައަކީ ދަތި އުނދަގޫ އަޅުކަމެއް ނޫންނަކަން. ރޯދަ ފަރުޟު ކުރައްވާފައިވަނީ ހެޔޮ ހާލުގައި ހާޒިރުވެ ރަށުގައި ހުރި މީހަކަށް، ދަތުރުވެރިޔާއަށް ލުއިފަސެހަކޮށްދެއްވާފައިވޭ. ފަހުން ގަޟާކުރާ ގޮތަށް މާބަނޑުމީހާއަށްވެސް ރޯދަ ފަހުން ގަޟާ ކުރާ މަތިން ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ދެއްވާފައިވޭ ކިރުމަޔަށްވެސް ރޯދަ ފަހުން ހިފާގޮތަށް ދޫކޮށްލުމުގެ އިޚުތިޔާރު ދިފައިވޭ. ވަރަށް ގިނަ ލުއިތައް ލައްވާފައިވޭ" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރަމަޟާން މަހުގެ ޙުރުމަތާއި ޤަދަރު ހިފެއްހެއްޓުމަށް ގޮވާލައްވާފައެވެ. މިއީ އިސްލާމީ އަޤީދާއާއި އިސްލާމީ ސަޤާފަތާއި އުންމަތުގެ މަތިވެރި މޫސުމެއްކަން ހަނދާނުގައި ބެހެއްޓުމަށް ގޮވާލައްވާ ވަޒީރު ވަނީ ޚާއްސަކޮށް ފަތުރުވެރިކަން އޮތް ރަށްތަކުގެ ރައްޔިތުން މިކަމާ މެދު ޚާއްސަ ސަމާލުކަމެއް ދިނުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން ފަތުރުވެރިކަން އޮތް ރަށްތަކުގައި ދުވާލުގެ ވަގުތުތަކުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭނަމަ އެމީހުން ތިބޭ ތަނެއްގައި އެކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރަމަޟާން މަހުގެ މަތިވެރިކަމާއި ޙުރުމަތަށް އުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އެކަންކަން ކުރިއަށްގެންދިޔުމަކީ ހުއްދަވާނެކަމެއް ނޫންކަމަށާއި މިކަމާ ގުޅޭ ޤާނޫނާއި ޤަވާއިދުތައް ހުރިއިރު ކައުންސިލުތަކުން އެ ޤަނޫނުތަކާއި ޤަވައިދުތައް ތަންފީޒް ކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
"ދީނަށްވުރެ ވަކިން މުހިއްމުކަމެއް އޮވެގެން ނުވާނެ. މިކަންކަމުގެ ހުރުމަތްތެރިކަން ކެނޑި ހިނގައްޖެނަމަ ހެދިބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދުގައި އޮންނަ ހައިބަތާއި ޤަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ. މިކަންކަމަށް ވިސްނަން ޖެހޭ" އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވަނީ ފަހަކަށް އައިސް ހުކުރު ދުވަހު ހުކުރު ވަގުތުގައި ރެސްޓޯރެންޓްތައް ހުޅުވާ، ކުޅިވަރުގެ މައިދާންތަކާއި މޫދުގަވެސް އާއިލާތައް ވަގުތު ހޭދަކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވަޒީރުގެ ވާހަކަ ނިންމަވާލެއްވީ ކީރިތި ޤުރުއާން ދައްކާ މަގުން އެއްކިބާ ވެއްޖެނަމަ އަޅުގަނޑުމެންނަށް އޮތީ އަބާއްޖަވެރިކަން ފާހަގަކުރައްވަމުންނެވެ. އަދި ރަމަޟާން މަސް ހޭދަކުރަންވީ މާތް ﷲ ރުހިވޮޑިގެންވާ ގޮތަށާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ގޮތަށްކަމަށް ވިދާޅުވިއެވެ.