އާސެނަލްގެ ފޯވަޑް ބުކަޔޯ ސަކާ ކޮންޓްރެކްޓް އާކޮށްފި އެވެ.
އައު ކޮންޓްރެކްޓާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނާނީ އާސެނަލްގަ އެވެ. އުމުރުން މިހާރު 24 އަހަރުގެ ކުޅުންތެރިޔާ ކޮންޓްރެކްޓް އާކުރީ އޭނާގެ މިހާރުގެ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާތީ އެވެ.
އާސެނަލްއާއެކު ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށްފަހު ސަކާ ބުނީ އާސެނަލް އަކީ އޭނޭގެ ފެށުން އައި ކުލަބު ކަމަށެވެ.
"އަހަރެން މީހަކަށްވީ ތަނުގައި އަހަރެން މިހާރު ވެސް މިހުރީ. އެހެންވީމާ މި ކުލަބާއެކު ކުރިއަށް ދިއުމަކީ އަހަރެން އެންމެ އެދޭ ގޮތް. އަހަރެން ވިސްނަނީ މި ކުލަބުގައި ކުރިއަށްދާން،" ސަކާ ބުންޏެވެ.
އޭނާ ބުނީ އާސެނަލް މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު އަދި ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންނަށް ބަލާއިރު މިހާރުގެ ޓީމަކީ އާސެނަލްގެ ތާރީހު ބަދަލު ކޮށްލާނެ ޓީމަކަށްވާނެ ކަމަށެވެ.
"މިވަގުތު ހުރިހާ ކުޅުންތެރިން ވެސް ތިބީ ކާމިޔާބު ހޯދަން އަޒުމް ކަނޑައަޅައިގެން. މިހާރު މިފެންނަމުންދާ މަންޒަރަށް ބަލާއިރު މި ޓީމަކީ ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ޓީމެއް. ކުލަބުގެ ތާރީހު ބަދަލު ކޮށްލާނެ ކުޅުންތެރިންތަކެއް. އެހެންވީމާ އަހަރެން މި ކުލަބުގައި ހުންނާކަށް ޖެހިލުމެއްނުވޭ. މި ޓީމުގައި ހުންނަން އަހަރެން ބޭނުން. އަހަރެން މި ކުލަބާއެކު ކާމިޔާބު ހޯދަން ބޭނުން،" ސަކާ ބުންޏެވެ.
އޭނާ އަކީ އާސެނަލްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ކޮންޓްރެކްޓާ ކުރަން ފެށި ސިލްސިލާގައި ތިން ވަނަ އަށް އައި ކުޅުންތެރިޔާ އެވެ. މީގެ ކުރިން ޑިފެންޑަރު މަޅަގާސް އާއި ވިލިއަމް ސަލީބާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ.