ކުޅިވަރު

އިންޑިޔާގެ ފެންވަރުގައި އަދި ނުކުޅެވޭ: ކޯޗު


ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާގެ ފެންވަރުގައި މިހާތަނަށް ނުކުޅެވޭ ކަމަށް އެ ޓީމުން ބުނެފި އެވެ.

އެސިސްޓެންޓް ކޯޗު ރަޔަން ޓެން ބުނީ އަމިއްލަ ގައުމާއި ސްރީލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ހަތަރު މެޗު ކުޅުނުއިރު އިންޑިޔާގެ ކުޅުން ފެނުނީ އާދައިގެ ގޮތަކަށް ކަމަށެވެ.

"އެކަމަކު ސުޕަ އެއިޓް (ގަދަ އަށެއް) މިއީ އަހަރުމެންގެ ފެންވަރު ދައްކާލަން ލިބޭ ފުރުސަތެއް. އަހަރުމެންނަށް މިވެނި ކަމެއް ރަނގަޅު ކުރާނަމޭ ބުނުމަށްވުރެ ހުރިހާ ޑިޕާޓްމަންޓެއް ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ފެންނަނީ. އަހަރުމެންނަށް ބޭނުންވާ ވަގުތުގައި ފޯމު ދެއްކޭނެ. އެކަމަށް އެންމެ ރަނގަޅު ވަގުތަކީ ގަދަ އަށެއް،" ރަޔަން ބުންޏެވެ.

މުބާރާތުގައި މިހާތަނަށް އިންޑިޔާ ދެއްކި ކުޅުމަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ފަޑުކިއުން އަމާޒުވެފައިވަނީ އޯޕަނިން ބެޓްސްމަން އަބީޝެކަށެވެ. އޭނާ އަށް އެއްވެސް މެޗެއްގައި މޮޅު ކުޅުން ނުދެއްކުނެވެ. ނަމަވެސް ރަޔަން ބުނީ މުޅި ޓީމަށް ބަލާއިރު ހުރިހާ ކުޅުންތެރިން ވެސް ތިބީ ފޯމުގައި ކަމަށް ބެލެވޭ ކަމަށެވެ. މިހެންވެ ގަދަ އަށެއްގައި ކުޅުން ބަދަލު ކުރަން ކޮންމެ ކުޅުންތެރިއަކު ވެސް އަމިއްލަ އަށް ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

"އަބީޝެކް ވެސް މިހާރު އެހުރީ ވަރަށް ފިޓްކޮށް. އޭނާ އަށް މުބާރާތުގެ ފުރަތަމަ މެޗުގައި ދިމާވީ ފިޓްނަސްގެ މައްސަލައެއް. އެކަމަކު މާބޮޑު ކަމަކަށްނުވެ އޭނާ މިހާރު އެހުރީ ރަނގަޅު ފޯމެއްގައި. އެހެން ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓްކޮށް. ގަދަ އަށަކަށް ނުކުންނައިރު އެންމެ މުހިންމު ކަމަކީ ކުޅުންތެރިން މެންޓަލީ އަދި ފިޒިކަލީ ފިޓްކޮށް ތިބުން،" ކޯޗު ބުންޏެވެ.

މުބާރާތުގެ ގަދަ އަށެއްގައި އިންޑިޔާ ހިމެނެނީ ޒިމްބާބުވޭ އާއި ވެސްޓް އިންޑީޒް އާއި ދެކުނު އެފްރިކާއާއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ އަނެއް ގައުމު ކަމަށްވާ ސްރީލަންކާ އާއި އިނގިރޭސިވިލާތާއި ނިއުޒީލޭންޑެވެ.

މުބާރާޓުގެ ގަދަ އަށެއްގެ މެޗުތައް ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އިންޑިޔާ ގަދަ އަށެއް ފަށާނީ ދެކުނު އެފްރިކާގެ މެޗުންނެވެ. މިއަށްފަހު ޒިމްބާބުވޭ މެޗު ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ވެސްޓް އިންޑީޒާ ދެކޮޅަށެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

އިންޑިޔާއާ އެންމެ ވާދަވެރި ޕާކިސްތާނުގެ ފުރަތަމަ މެޗުގައި ކުޅޭނީ ނިއުޒީލޭންޑާ ދެކޮޅަށެވެ. އެއަށްފަހު އިނގިރޭސިންނާ ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ލަންކާގެ ފުރަތަމަ މެޗުގައި ކުޅޭނީ އިނގިރޭސިންނާ ދެކޮޅަށެވެ.