ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ އިންސާނުންނަށް ފޮނުއްވި އެންމެ މަތިވެރި މުދައްރިސަކީ މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު ވެވެޑައިގަތީ މުޅިއިންސާނިއްޔަތައް ނަމޫނާދެއްކެވި ބޭކަލެއްކަމުގައެވެ. އެކަލޭގެފާނުގެ ދިރިއުޅުއްވުމުގައި ކޮންމެ ވަގުތެއްގައިވެސް މީސްތަކުންނާއި މުޚާޠަބުކުރެއްވުމުގައި އަދި މީސްތަކުންނަށް އިސްލާމްދީން އުނގަންނައިދެއްވުމުގައި ބޭނުންކުރެއްވީ ތަފާތު އެތަކެއް ޢިލްމީ އަދި ފަންނުވެރި އުކުޅުތަކެކެވެ. މި ބަލާލާނީ އެކަލޭގެފާނު އުނގަންނައިދިނުމުގައި ބޭނުންކުރެއްވި ބައެއް މުހިއްމު އަޚްޅާގު (ހުނަރު) ތަކަށެވެ.
ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އުނގަންނައިދިނުމުގެ އެންމެ މުހިއްމު ސިފައަކީ، އެކަލޭގެފާނުގެ ހިތްޕުޅުގައި މީސްތަކުންނަށްޓަކައި އޮތް ރަޙްމާއި އޯގާވެރިކަމެވެ. އެކަލޭގެފާނު އެއްވެސް މީހަކަށް ބުރައެއް ނުޖައްސަވައެވެ. އަދި އުނގަންނައިދެއްވުމުގައި މީހާގެ ޙާލަތަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެއްވިއެވެ. މިސާލަކަށް، މިސްކިތުގެ ތެރޭގައި ކުޑަކަމުދިޔަ ބަދަވީ މީހާއަށް ޞަޙާބީން ހަޅޭއްލަވައިގަންނަން އުޅުނު ހިނދު، އެކަން މަނާކުރައްވާ އެކަލޭގެފާނު އެމީހާގެ ކިބައިން ކެތްތެރިވެ ވަޑައިގަތެވެ. އަދި ފަހުން މަޑުމައިތިރިކަމާއެކު ނަޞޭޙަތްތެރިވެ، މިސްކިތަކީ ކުޑަކަމުދާ ތަނެއް ނޫންކަން އަންގަވައިދެއްވިއެވެ.
(ޞަޙީޙުލް ބުޚާރީ، 220) ހަމައެފަދައިން، ޒިނޭކުރުމުގެ ހުއްދަ އެދުނު ޒުވާނާއަށް އެކަލޭގެފާނު ދެއްވީ ހަރުކަށި ނަޞޭޙަތެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވީ، "ތިބާގެ މަންމައަށް ނުވަތަ ދަރިއަށް ޒިނޭކުރުމަށް އެއްބަސްވާނަން ހެއްޔެވެ؟" މިފަދަ ސުވާލުތަކުން ޒުވާނާގެ ހިތް ބަދަލުކޮށްލެއްވިއެވެ. ( މުސްނަދު އަޙްމަދު 22211 )
ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އުނގަންނައިދެއްވުމުގެ މުހިއްމު އުކުޅެއްގެ ގޮތުގައި ސުވާލުކުރެއްވުން ހިމެނެއެވެ. އެކަލޭގެފާނު ސުވާލުކުރައްވައިގެން ޞަޙާބީންގެ ވިސްނުން ހުޅުއްވައި، ކަންކަމާމެދު ފުންކޮށް ވިސްނުމަށް ހިތްވަރުދެއްވިއެވެ. "ބަނގުރޫޓްވެފައިވާ މީހާކީ ކޮބައިހެއްޔެވެ؟ ( ޞަހީހު މުސްލިމް 2581 ) ނުވަތަ "އެންމެ ހެޔޮކަންބޮޑު ޢަމަލަކީ ކޮބައިކަން ތިމަންކަލޭގެފާނު ކިޔައިދެއްވަން ހެއްޔެވެ؟" މިފަދަ ސުވާލުތަކުން އެކަލޭގެފާނު ދެއްވާ ޖަވާބަށް ސަމާލުކަން ދިނުމަށް އެހީތެރިވެގެންދެއެވެ. އަދި، ކަންކަން ހަނދާން ބަހައްޓަން ފަސޭހަކުރުމަށްޓަކައި އަދަދުތައް ބޭނުންކުރެއްވިއެވެ. "މުނާފިޤެއްގެ ތިން ޢަލާމާތެއް"، ( ޞަޙީޙުލް ބުޚާރީ، 33 ) "ހަލާކުކުރަނިވި ހަތް ފާފަ"
( ޞަޙީޙުލް ބުޚާރީ،2766 ) މިފަދައިން ވިދާޅުވެ އަދަދުތައް ބޭނުންކުރެއްވުމަކީ ޢިލްމު ހިތުގައި ހަރުލެއްވުމަށް ކޮށައިދެވޭ މަގެއްކަމުގައިވިއެވެ.
އުނގަންނައިދެއްވުމުގައި ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ބޮޑަށް އިސްކަންދެއްވީ ޢަމަލީ ނަމޫނާއަށެވެ. "ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތައް ނަމާދުކުރާށެވެ" ( ޞަޙީޙުލް ބުޚާރީ، 631) މިފަދައިން ވިދާޅުވެ ޢަމަލީ ގޮތުން ކަންކަން ދައްކަވައިދެއްވިއެވެ. ވުޟޫކުރައްވާ ގޮތާއި، ނަމާދުކުރައްވާ ގޮތާއި، ރޯދަހިއްޕަވާ ގޮތް ޢަމަލީ ގޮތުން ދައްކަވައިދެއްވިއެވެ. އަދި ބައެއް ފަހަރު ކަންކަން ބަޔާންކޮށްދެއްވުމުގައި އިޝާރާތް ބޭނުންކުރެއްވިއެވެ." ސުވަރުގޭގައި ޔަތީމު ކުއްޖާ ބަލަހައްޓައިފިމީހާއާއި ތިމަންކަލޭގެފާނާ ދެމެދު ވަނީ މިހާގާތުގައި ކަން ބަޔާންކޮށްދެއްވުމަށް ދެކަށި އިނގިއްޔާ އެއްކަށި އިނގިލި ޖެހިފައިވާ ހެންނެވެ." މިފަދައިން ވިދާޅުވެ، އެކަލޭގެފާނުގެ ދެއިނގިލިފުޅު ދައްކަވައިލެއްވިއެވެ. ( ޞަޙީޙު މުސްލިމް 262) މިގޮތުން ވާހަކަ ދެއްކެވުމުން ކަންކަން މީހާގެ ހިތުގައި ހަރުލާ ގޮތް މާފުރިހަމަވެފައި ރަނގަޅުވެއެވެ.
ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ އުނގަންނައިދިނުމުގައި އަޞްޙާބު ބޭކަލުންނަށް އެކި އެކި ކަންކަމުގައި ދުޢާކުރެއްވުން ދޭހަވަނީ އުގަންނައި ދިނުމާއި ތަރުބަވީ މާހައުލުގައި ދުޢާ ކުރުމުގެ މުހިއްމު ކަމެވެ. މިގޮތުން އެކަލޭގެފާނު ޞަޙާބީންނަށް ޢިލްމު ލިބި، ދީނުގައި ފިޤުހުވެރިވުމަށް އެދި ދުޢާކުރެއްވިއެވެ. މިސާލަކަށް ޢަބްދުﷲ ބްން ޢައްބާސް ރަޟިޔަﷲ ޢަންހު އަށް އެކަލޭގެފާނު ދުޢާކުރެއްވީ "އޭ ﷲ، އެކަލޭގެފާނަށް ފިޤުހުވެރިކަން ދެއްވާ އަދި ތަފްސީރު ދެނެގަތުމުގެ ޤާބިލިއްޔަތު ދެއްވާށި!" ( ސުނުނު އިބްނު މާޖާ – 3839 ) މި ދުޢާގެ ސަބަބުން ޢަބްދުﷲ ބްން ޢައްބާސް ރަޟިޔަﷲ ޢަންހު އަކީ އުންމަތުގެ އެންމެ ބޮޑު މުފައްސިރަށް ވެވަޑައިގަތެވެ. އަދި އެކަލޭގެފާނު އަބަދުވެސް ޞަޙާބީންނަށް ހިއްވަރުދެއްވިއެވެ. ރަނގަޅު ކަމެއް ކުރާ މީހަކަށް ހިތްވަރުދީ ބާރުއަޅުއްވައެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް އުނގަންނައިދެއްވުމުގައި ބޭނުންކުރެއްވީ ތަފާތު އެތަކެއް އުކުޅުތަކެކެވެ. އެކަލޭގެފާނުގެ ރަޙްމާއި އޯގާވެރިކަން، މީހާގެ ޙާލަތަށް ރިޢާޔަތްކުރެއްވުން، ސުވާލުތައް ބޭނުންކުރެއްވުން، އަދަދުތަކުން ކަންކަން ބަޔާންކޮށްދެއްވުން، ޢަމަލީ ނަމޫނާ ދައްކަވައިދެއްވުން، އިޝާރާތުން ވާހަކަފުޅު ދެއްކެވުން، ދުޢާކުރެއްވުން އަދި ހިއްވަރުދެއްވުން ފަދަ ކަންކަމަކީ އެކަލޭގެފާނުގެ މަތިވެރި ޝަޚުސިއްޔަތާއި ޢިލްމީ ޤާބިލިއްޔަތުގެ ހެކިތަކެކެވެ. އަޅުގަނޑުމެންވެސް އެކަލޭގެފާނުގެ މި މަތިވެރި އުކުޅުތަކުން ޢިބްރަތް ޙާޞިލްކޮށް، ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް މީސްތަކުންނަށް ހެޔޮ ގޮތް ބަޔާންކޮށްދިނުމުގައި އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ ދިރިއުޅުން ބައްޓަންކުރުމަށް މަސައްކަތްކުރުން ހުއްޓެވެ.