ޔަހޫދީ ފައުޖުން ލުބްނާންގެ ބިޤާޢު ވާދީއަށް ނިރުބަވެރި ޙަމަލާތަކެއްދީ 10 މީހުން ޝަހީދު ކޮށްލައިފިއެވެ. މިއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކު އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދީފައިވާ ޙަމަލާތަކެކެވެ. ބިޤާޢު ވާދީގެ ބަޢަލަބަކް ސަރަޙައްދަށް އަމާޒުކޮށް ޔަހޫދީ ސިފައިން ދީފައިވާ ޙަމަލާތަކުގައި އިތުރު 50ށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލިއެވެ. ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އެއްބަސްވެ ޔަހޫދީން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ މުޖާހިދުންނަށް ކަމުގައެވެ.
މިއީ، ފާއިތުވި ހަފުތާތަކުގެ ތެރޭގައި ލުބްނާންގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. ޔަހޫދީންގެ އައު ޙަމަލާތަކާ ގުޅިގެން، 2024ވަނަ އަހަރުން ފެށިގެން ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު އަމަލުކުރަމުންދާ ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުން ދިޔަ ޙަމަލާތައް ހުއްޓައިލައި، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އެމެރިކާގެ އިސްނެގުމުގެ ދަށުންނެވެ. ނަމަވެސް، ޔަހޫދީން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
ބަޢަލަބަކައަށް ދީފައިވާ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާނެ ކަމުގައި ޔަހޫދީން ބުނި ނަމަވެސް ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ޙިޒްބުاللهގެ ހަތިޔާރު އަތުލުމަށް އެމެރިކާއާއި ޔަހޫދީން ދަނީ ލުބްނާންގެ ސަރުކާރާއި އަސްކަރިއްޔާއަށް ބާރު އަޅަމުންނެވެ. ލުބްނާންގެ ސަރުކާރުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ސިޔާސީ އަދި އިޤުތިޞާދީ ގޮތުން ނިކަމެތިވެފައިވާ ލުބްނާންގެ ހަމަޖެހުމަށް ނުރައްކާވަމުންދާ ކަމުގައެވެ.
ބަޢަލަބަކްގެ އިތުރުން ލުބްނާންގެ ދެކުނު ޞައިދާ ކައިރީ އޮތް ތޮއްޖެހިފައިވާ ރެފިއުޖީ ކޭމްޕަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮންއަޅާފައެވެ. ޢައިން އަލް-ޙުލްވާގައި އޮންނަ ރެފިއުޖީ ކޭމްޕަކީ ފަލަސްޠީނުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު ދިރިއުޅެމުންދާ ތަނެކެވެ. އެ ތަނަށް ޙަމަލާ ދީފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ މަރުކަޒެއް ނައްތައިލުމަށް ކަމުގައި ޔަހޫދީން ބުންޏެވެ. އެ ޙަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ޙަމާސުން ބުނީ، ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ރެފިއުޖީ ކޭމްޕުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ގުޅިފައިވާ ފައުޖުގެ މަރުކަޒަކަށް ކަމުގައެވެ.