ނަފްސާނީ ބަލި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ހެލްޕް ލައިންގެ ޚިދުމަތަށް 2 އަހަރުވީއިރު 13000އަށްވުރެ ގިނަ ކޯލު ލިބިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފައިވަނީ 21 ފެބުރުއަރީ 2024 ގައެވެ. ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ހޯދުމަށް ގުޅޭނެ ނަންބަރަކީ 1677 އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޞިއްޙީ ވަޒީރުގެ ނައިބު އައިމިނަތު އިސްމާޢީލް ވިދާޅުވީ ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕް ލައިންގެ ޚިދުމަތް ފެށިގެންދިޔައީ ޤައުމަށް އެކަން ބޭނުންވެފައި ވަނިކޮށްކަމަށެވެ. އޭގެ އެއް ހެއްކަކީ މިޚިދުމަތުގެ ބޭނުން ވަރަށް ގިނަ ފަރާތްތަކުން ކުރަމުންދިއުންކަން ފާހަގަކުރެއްވިއެވެ.
އާމިނަތު އިސްމާޢީލް ވިދާޅުވީ ހެލްޕް ލައިނަށް ގުޅާ ފަރާތްތަކަށް ބޭނުންވާ އެހީ އެ ފަރާތްތަކަށް ވަގުތުން ފޯރުކޮށްދެވޭކަމަށެވެ. މީގެތެރެއިން ވާހަކަދައްކައިގެން ހައްލުކުރެވޭ ކަންކަން ހެލްޕް ލައިންގައި ތިއްބަވާ ޕްރޮޕެޝަނަލް ފަރާތްތަކުން އެކަމަށް އެޓެންޑުވާކަމަށާއި ގިނަ ކޭސްތައް ވާހަކަދައްކައިގެން ހައްލުވާކަމަށް ވިދާޅުވިއެވެ. މިފަދަ ކޭސްތަކުގެ ތެރޭގައި ރުޅިގަދަވުމާއި އަމިއްލަ ނަފްސަށް ގެއްލުން ދެވިދާނެކަމަށް ހީވެގެން ގުޅާ މީހުން އުޅޭކަމަށް އާމިނަތު އިސްމާޢީލް ވިދާޅުވިއެވެ.
" އެކަހަލަ ހާލަތްތަކުގައި ހެލްޕް ލައިނަށް ގުޅާލާނެ. ތިމަންނަ މިހިރީ ވަރަށް ރުޅިގަދަވެފައޭ. އެކޮޅުގައި ތިއްބަވާނެ ޕްރޮފެޝަނަލް ބޭފުޅުން. ކައުންސިލާސްއާއި ވަރަށް ކޮލިފައިޑް ބޭފުޅުން. އެހެންވީމަ އެކަހަލަ ހާލަތެއްގައި އެވަގުތުކޮޅުގައި މެނޭޖްކޮށްދޭން ހެލްޕުކޮށްދޭނެ. ވަރަށް ގިނަ ފަހަރު ވަަރަށް ބޮޑަށް ހައްލުވެގެންދޭ. ގިނަ ފަހަރަށް ރިޕީޓެޑް ކޯލަރސް ތިބޭނެހަމަ" އާމިނަތު އިސްމާޢީލް ވިދާޅުވިއެވެ.
ވަރަށް ޒުވާން ކުދިންވެސް ޤައުމީ ހެލްޕް ލައިންގެ ޚިދުމަތް ބޭނުންކުރާކަން ފާހަގަކުރައްވާ އާމިނަތު އިސްމާޢީލް ވިދާޅުވީ މިހާތަނަށް 13000 ކޯލު ހެލްޕް ލައިނަށް ލިބިފައިވާކަމަށެވެ. އަދި ހެލްޕް ލައިންގެ ޚިދުމަތް ހޯދާ މީހުންގެ އިންސައްތަ 300އަށް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ސޯޝަލް ސާރވިސް ކޯޑިނޭޓަރ އައިޝަތު ޝުހުޒާ ވިދާޅުވީ ހެލްޕު ލައިންގެ ޚިދުމަތް ފޯރުކޮށްދެނީ ހަމަ އެކަނި ދިވެހިންނަށް ނޫންކަމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ފަރާތްތަކަށްވެސް މިޚިދުމަތް ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ. ޝުހުޒާ ވިދާޅުވީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ.
" އެގޮތުން ނަފްސާނީ ކުއްލި ހާލަތްތައް ދިމާވާ ފަރާތްތަކަށް ވަގުތުން އިޖާބަ ދޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. މަލްޓި ސެކްޓޯރިއަލް މެންޓަލް ހެލްތު ރިފަރަލް ޕާރތްވޭއެއް ވަނީ ހެދިފައި، އަދި އެ ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ މި އަހަރު ތެރޭގައި" ޝުހުޒާ ވިދާޅުވިއެވެ.
ނަފްސާނީ ޞިއްޙަތުގެ ހެލްޕް ލައިންގެ އަމާޒަކީ ނަފްސާނީ ހާލަތެއް ނުވަތަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް ގުޅާ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. 1677 އަކީ 24 ގަޑިއިރު ޚިދުމަތް ލިބޭނެ ނަންބަރެއްކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ނަންބަރުން ނަފްސާނީ ޞިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލުގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދޭނެކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.