ޚަބަރު

ބާޒާރުމަތީ ސަރަހައްދުގެ މަގުގެ ފަސޭހަކަން ލިބޭނީ ފަރުދީ ޒިންމާ އާއިއެކު!


  • ބާޒާރުމަތީ މަގު ތަރައްޤީކޮށްފައިވަނީ ހަތަރު ލޭނަށް ދެކޮޅަށް ދުއްވޭ ގޮތަށް

  • ބައެއް ފަރާތްތަކުން ޕާކު ކުުރުމާއި މަގު ބޭނުންކުރުމުގައި ކަންބޮޑުވާ ކަންކަން ވަނީ ފާހަގަވެފައި

ޤައުމެއްގެ ކުރިއެރުމާއި އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ފާގަތިކަމަށްޓަކައި ތަރައްޤީއަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ތަނެއް ތަރައްޤީކޮށް ކުރިއެރުވުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެތަނަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދައިދިނުމެވެ. ދިވެހިރާއްޖެއަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލެ ސަރަހައްދަށް ބަލާއިރު، މިވަގުތު އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރިއަށްގެންދާ އެއް މަޝްރޫޢަކީ މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. ބައިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ދެ ފިޔަވައްސެއްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މިގޮތުން އެންމެ ފަހުން މަސައްކަތް ނިންމާ އާންމުކޮށް ހުޅުވާލި ބާޒާރުމަތީ މަގުގެ ސަރަހައްދު ތަރައްޤީކޮށްފައިވަނީ މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭގޮތަށް ހަތަރު ލޭނު ހިމެނޭ ގޮތަށެވެ.

ބާޒާރުމަތީ ސަރަޙައްދަކީ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޚިދުމަތް ހޯދާ ސަރަހައްދަކަށްވާއިރު، މި މަގު ފުޅާކޮށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަހައްދުގެ މުދާ އުފުލާ ދޯނިފަހަރަށް މުދާ ބޭލުމަށާއި، ފިހާރަތަކަށް ގެންނަ މުދާ އުފުލާ އުޅަނދުތައް މަޑުކޮށްލުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.

މަގުތައް ކިތަންމެ ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވުނު ކަމުގައިވީނަމަވެސް، ކަނޑައެޅިފައިވާ ޤަވާއިދުތަކަށް އަމަލުނުކުރާނަމަ އެކަމުގެ ހަގީގީ މަންފާއެއް ނުލިބޭނެއެވެ. ބާޒާރުމަތީގެ މަގުތައް ތަރައްޤީކޮށް ހުޅުވާލާފައިވާއިރު، އަދިވެސް އެ ސަރަހައްދުން ފެންނަނީ ކުރިއެކޭ އެއްގޮތަށް ތޮއްޖެހޭ ފަދަ މަންޒަރުތަކެކެވެ. މިގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ އުޅަނދުތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކުރުމެވެ. މިކަމުގެ ކަންބޮޑުވުން ފުލުހުންވެސް ފާހަގަކުރެއެވެ.

ބާޒާރުމަތީގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. ފުލުހުން ފާހަގަކުރާ ގޮތުގައި ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް އޮތް މި މަގު މިހާރު ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކުރުމާ ގުޅިގެން، ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މަގު ފުޅާކުރި ނަމަވެސް، ޖެޓީ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން 2 ނުވަތަ 3 ބަޔަށް އުޅަނދު ބަހައްޓާތީ، މަގު ފުޅާކުރުމުގެ އެދެވޭ ފައިދާ ނުކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، ފިހާރަތައް ހުންނަ ސަރަހައްދުގައި ޕާކުކުރުމަށް ޚާއްޞަ ޖާގަތަކެއް ކަނޑައެޅިފައި ވީނަމަވެސް، އެ ތަންތަނުގައި މުދާ ބަހައްޓާފައި ހުރުމުގެ ސަބަބުން އުޅަނދުތަކަށް ޕާކުކުރުމަށް ހުރަސްއެޅޭކަން ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.

"ބޯޓު ފަހަރުން ގެންނަ މުދާ އަޅުގަނޑުމެންނަށް އެބަފެނޭ ބަނދަރުމަތީގައި ނުވަތަ ޖެޓީމަތީގައި ނޫނީ މަގަށް ވާގޮތަށް ބަހައްޓައިގެން ވިއްކަމުންދާ މަންޒަރު. އެހެންވީމަ މަގު ފުޅާކުރުމުގެ ހަޤީޤީ ފައިދާ ކުރާނީ މިފަދަ ކަންކަން ހުއްޓުވިގެން. ފިހާރަތަކުން އެބަފެނޭ ކުނި ބަހައްޓާ މަންޒަރާއި މުދާ ޕޭމަންޓުމަތީގައި ވިއްކާތަންވެސް ފެނޭ. ފިހާރަތަކުން ޕާކު ކުރާނެ ޖާގަ ވަނީ ކަނޑައެޅިފައި" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މުދާ ގެންނަ ފަރާތްތަކުން ބަނދަރަށް މުދާ ގެންގޮސް ގިނައިރު ޖެޓީ ސަރަހައްދުގައި މުދާ ނުބެހެއްޓުމަށްވެސް އިލްތިމާސްކުރައްވާފައެވެ. ބާޒާރުމަގު އެ ސަރަހައްދައް އިތުރު ޖާގަ ބޭނުންވާކަަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ތަނެއްގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނީ އެތަން ބޭނުންކުރާ ފަރާތްތަކުން ޒިންމާދާރުވެ، ފަރުދީ ޒިންމާވެސް އަދާކޮށްގެންނެވެ.