ޚަބަރު

މި ރޯދަމަހު ދިރާގުޕޭ މެދުވެރިކޮށް ޢާއިލާތަކަށް އެހީތެރިކަން


  • ދިރާގުޕޭ މެދުވެރިކޮށް ކެއަރ ބާސްކެޓް އަދި މީލްޕެކް ހަދިޔާކުރެވޭނެ

  • ރޯދަމަހު 100 ޢާއިލާއަކަށް ކެއަރ ބާސްކެޓް ފޯރުކޮށްދީފައިވޭ

މި ރަމަޟާން މަހު ދިރާގުޕޭ މެދުވެރިކޮށް ޢިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތްތަކުން ބޭނުންޖެހިފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މީލްޕެކް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ދިރާގުން ވިދާޅުވީ ބޭނުންޖެހިފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިރާގުޕޭ ބޭނުންކުރައްވާ ފަރާތްތަކަށް އެޕް މެދުވެރިކޮށް 1،200 ރުފިޔާއަށް ކެޔަރ ބާސްކެޓެއް ހަދިޔާކުރުމަށާއި، ބޭނުން މިންވަރަކަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ.

މި ރަމަޟާން މަހު ޢާއިލާތަކަށް ފޯރުކޮށްދޭ ކެއަރ ބާސްކެޓްތަކަކީ ދިރާގާއި ބޭނުންޖެހިފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ މަމްސް އެއިޑް ޖަމިއްޔާއާއި ގުޅިގެން އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ކެއަރ ބާސްކެޓްތައް ތައްޔާރުކޮށްފައިވަނީ ރަމަޟާން މަހަށް ޚާއްސަކޮށް އަސާސީ ކާބޯތަކެތި ހިމެނޭނެހެން ކަމަށް ދިރާގުން ވިދާޅުވިއެވެ. މިގޮތުން 100 ޢާއިލާއަކަށް ކެއަރ ބާސްކެޓް ފޯރުކޮށްދީފައިވާކަމަށްވެސް ދިރާގުން ވިދާޅުވިއެވެ.

ދިރާގުން ވިދާޅުވީ ދިރާގުޕޭ ބޭނުންކުރާ ހުރިހައި ފަރާތްތަކަށް 60 ރުފިޔާއަށް މީލްޕެކެއް ހަދިޔާކުރެވޭނެކަމަށެވެ.

މި ރަމަޟާން މަހު މީލްޕެކް ހަދިޔާކުރުމުގެ ހަރަކާތަކީ އެ ކުންފުންޏާއި، ބިދޭސީ މަސައްކަތްތެރިންނަށް އެހީވެދޭ ޖަމިއްޔާއެއް ކަމަށްވާ މިޝަން ފޯރ މައިގްރަންޓް ވޯކާސް މޯލްޑިވްސް އާއި ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމަށް ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެއް ކަމަށް ދިރާގުން ވިދާޅުވިއެވެ. އަދި މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލްޕެކް މިޝަން ފޯރ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަށް ފޯރުކޮށްދީފައިކަމަށްވެސް ވިދާޅުވިއެވެ.

ދިރާގުން މަޢުލޫމާތުދެއްވާ ގޮތުގައި، އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ދިރާގުޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ހަދިޔާކުރެވޭނެއެވެ. އަދި ހަދިޔާކުރާ ހުރިހާ ފައިސާއެއް ޖަމާވެގެންދާނީ އެ ޖަމިއްޔާތަކަށްކަމަށްވެސް ދިރާގުން ވިދާޅުވިއެވެ.