ރޯދަ

ހުކުރު ޚުޠުބާއާ ގުޅޭ ކުއިޒެއް


  • މި ކުއިޒު ބާއްވަނީ ކުޑަކުދިންނަށް އަމާޒުކޮށް

  • 1ވަނަ އަށް ދާ ކުދިންނަށް ޢުމަރާ ދަތުރެއް ލިބޭނެ

ރަމަޟާން މަހާ ދިމާކޮށް، ކުޑަކުދިންނަށް ޚާއްސަކޮށްގެން "ހުކުރު ޚުތުބާ ކުއިޒް"ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ 1447 ވަނަ އަހރުގެ ރަމަޟާން މަހާ ދިމާކޮށްގެން، ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުމަށް "ހުކުރު ޚުތުބާ ކުއިޒް"ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި މުބާރަަތް ހުޅުވާލައިފައި ވަނީ 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މުބާރަތް އިންސާފުވެރިކާމާއކު ކުރިޔާސް ގެނދިއުމަށްޓަކައި ބައިވެރިން 3 އުމުރުފުރާއަކަށް ބަހާލެވޭނެ ކަމުގައި އެ އިދާރާއިން ވިދާޅުވިއެވެ. އެގޮތުން، ބަހާލެވިފައިވާ އުމުރުފަރާތްތަކަކީ، 7 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންނާއި، 10 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ އިތުރުން 13 އަހަރާއި 15 އަހރާ ދެމެދުގެ ކުދިންނެވެ.

މި ކުއިޒު ކުރިއަށްދާނީ ދިވެހި ބަހުން "އޯޕަން ބުކް" މެތަޑަށެވެ. ކުއިޒަށް ޖަވާބު ދިނުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލތިމާސްކުރައްވައެވެ. މީގެއިތުރުން ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށް އޮންނާ ކަމުގައި އެ އިދާރާއިން ވިދާޅުވިއެވެ.

ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ހަމައެއާއެކު، ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނަކަމަށާއި، މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި ގުރުއަތު ނެގޭނެ ކމަުގައި އިސްލާމީ ކަނަތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ކަނޑައަޅާފައިވަނީ އެއް އިނާމުތަކެކެވެ. އެގޮތުން:

  • 1 ވަނަ އަށް ދާ ކުއްޖަކަށް: ޢުމްރާ ދަތުރެއް (ޖުމްލަ 3 ޢުމްރާ ދަތުރު)
  • 2 ވަނަ އަށް ދާ ކުއްޖަކަށް: -/1000 ރުފިޔާ
  • 3 ވަނަ އަށް ދާ ކުއްޖަކަށް: -/500 ރުފިޔާ

ކުއިޒުގައި ބައިވެރިވާން ބޭނުނަވާ ފަރާތްތަކުން މި ކަމަށް ޚާއްސަކޯސްފައިވާ ކޮމިއުނިޓީ ގްރޫޕަށް ވަނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ގްރޫޕަށް ކޮންމެ ހުކުރު ޚުޠުބާއެއްގެ ލެވޭނެކަމާއި، ކުއިޒާބެހޭ އިތުރު މަޢުލޫމާތު ވެސް ދެވޭނެކަމުގައި އެ އިދާރާއިން ވިދާޅުވިއެވެ.