ވޯލްޑްކަޕުގައި ކުޅޭ އެންމެ ކުޑަ ގައުމު ކަމަށްވާ ކުރަކާއޯގެ ކޯޗުކަން ޑިކް އެޑްވޮކާޓް ދޫކޮށްލައިފި އެވެ.
އުމުރުން 78 އަހަރުގެ ނެދަލޭންޑްސްގެ ކޯޗު މަގާމު ދޫކޮށްލީ އޭނާގެ އާއިލީ މައްސަލަތަކެއްގެ ސަބަބުންނެވެ. ގިނަ ރިޕޯޓްތައް ބުނާ ގޮތުން އެޑްވޮކާޓް މަގާމު ދޫކޮށްލީ އޭނާގެ އަންހެނުންނާއި އެންމެ ދޮށީ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އެވެ.
ކުރަކާއޯ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު މުހިންމު ބައެއް މެޗުތަކުގައި އޭނާ ޓީމަށް އިރުޝާދު ދީފައިވަނީ ވެސް ހޮސްޕިޓަލުގައި ހުރެގެންނެވެ. އެއީ އަންހެނުން އެޑްމިޓްކޮށްފައި އޮތުމުންނެވެ.
"އަހަރެން އަބަދުވެސް ބުނަން އެންމެ އިސްވާނީ އާއިލާ ކަމުގައި. ފުޓްބޯޅަ އަންނާނީ އޭގެ ފަހުން. މިއީ ވަރަށް ސީދާކޮށް އަހަރެން ދައްކާ ވާހަކަ އެއް. އަދި އަހަރެންގެ ނިންމުމަކީ ވެސް އެގޮތުން ނިންމި ނިންމުމެއް،" އެޑްވޮކާޓް ބުންޏެވެ.
އެޑްވޮކާޓް ކުރަކާއޯގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އޭނާ ވޯލްޑް ކަޕުގައި އެ ގައުމަށް ކޯޗުކޮށްދިންނަމަ ވެގެންދާނީ މުބާރާތުގައި ކޯޗުކޮށްދޭ އެންމެ މުސްކުޅި ކޯޗަށެވެ.
އެޑްވޮކާޓަކީ ތިން ފަހަރެއްގެ މަތީން ނެދަލޭޑްސްގެ ކޯޗުކަމާއި ބެލްޖިއަމް އަދި އިރާގާއި ސާބިއާ އާއި ރަޝިޔާ އަށް ވެސް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރެކެވެ.
ދުނިޔެގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕުގެ ތާރީހުގައި މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމު ކަމަށްވާ ކުރަކާއޯގައި ދިރިއުޅެނީ ދޮޅު ލައްކަ މީހުންނެވެ. އަދި އެއީ ނެދަލޭންޑްސްގެ ބެލުމުގެ ދަށުގައި އޮންނަ ގައުމެއް ވެސްމެ އެވެ.