ޚަބަރު

"ރޯދަމަސް އުފާވެރިވަނީ ދެދުނިޔޭގެ ނިޢުމަތް ލިބޭތީ"


  • ރަމަޟާން މަސް ތަޤުވާވެރިކަމަށް މަގުފަހިކޮށްދޭ

  • ރޯދަމަހު އުޙުވަތްތެރިކަން އިސްކުރަން ޖެހޭ

ރަމަޟާން މަހަކީ އުފަލުގެ މަހަކަށްވަނީ ރޯދަވެރިޔާއަށް ދުނިޔެއާއި އާޚިރަތުގައި ލިބޭ ނިޢުމަތްތަކުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޯދަމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިހްޔާ ޕްރޮގްރާމުގެ ފުރަތަމަ ޖަލްސާގައިވާ ވާހަކަ ދައްކަވަމުންނެވެ.

މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމުގެ ފުރަތަމަ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ބިނާކުރެއްވީ، "ރަމަޟާން މަހަކީ އަޅުކަމާއި ބާއްޖަވެރިކަމުގެ މަސް" މަޢުޟޫޢުއަށެވެ. އެމަނިކުފާނު ވިދާޅުވީ އެހެން މަސްތަކާއި ރަމަޟާން ތަފާތުވާ ސަބަބަކީ މިމަހުގެ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާތީ ކަމަށެވެ. އަދި މި ބަރަކާތްތެރި މަސް ބާއްޖަވެރި ވަނީ އިތުރަށް ތަޤުވާވެރިވުމަށް މަގުފަހިކޮށްދޭ މަހަކަށްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސޫލާގެ ހަދީސްފުޅެއްގެ އަލީގައި އެކަން ތަފްޞީލުކޮށްދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރޯދަވެރިޔާއަށް 2 އުފަލެއްވާ ކަމަށެވެ. އެއީ ރޯދަ ވީއްލާ ވަގުތު އޭނާއަށް އިހުސާސް ކުރެވޭ އުފަލާއި ﷲ ހަޟުރަތަށް ދާ ހިންދު ރޯދަވެރިޔާއަށް ލިބޭ އުފާކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

"މިމަހަކީ ބާއްޖަވެރިކަމުގެ މަހެއް. އިސްލާމް ދީނަކީ އުފަލުގެ ދީނެއް. އުފާކުރަން ދަސްކޮށް ދީނެއް. އުފާކުރަން ނަސޭހަތްތެރިވާ ދީނެއް. ﷲގެ ކުޅަދުންވަންތަކަމާއި އޯގާވަންތަކަން އިހުސާސް ވާނީ އުފަލުގައި އުޅެގެން. އަޅުގަނޑު ދަންނަވާނީ، އުފާވެރިކަމަކީ އަޅުކަމެއް ފަދަ ކަމެއް. އޭރުން ހިތްސާފުވެ އެންމެން އެކުވެ މަސައްކަތް ކުރީމަ އިޖްތިމާޢީ ގުޅުންތައް ބަދަހިވެ ހުރިހާ ކަމެއްގައިވެސް ކުރިއަށްދެވޭނެ. މިއީ މުސްލިމުންގެ ގޮތަކީ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވަނީ ރަމަޟާން މަހު މުސްލިމުން ކުރަނީ ރޫޙާނީ ދަތުރެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމަހުގެ ތެރޭގައި ހެޔޮޢަމަލުތައް ކުރުމުގައި މުސްލިމުން އުޚުއްވަތްތެރިކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އިޙްޔާ ޖަލްސާތަކުން އުޚުއްވަތްތެރިކަމާއި ހަމަޖެހުމާއި ލޯބި އިތުރުކުރެވޭތޯ މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރަމަޟާން މަހު ކުރާ މަސައްކަތުގެ މޭވާ އަކީ ތަޤުވާވެރިކަންކަމަށް ވިދާޅުވެފައެވެ. އަދި ތަޤުވާވެރިކަމަކީ މާތް ﷲ ބިރުވެތިވެ އެކަލާންގެ އެންގެވި ގޮތަށް ޢަމަލުކުރަމުން ދިއުންކަން ފާހަގަކުރައްވާ ތަޤުވާވެރިވާ މީހާއަށް ހުރި ނިޢުމަތްތަކަށް ޤުރުޢާނުގައި އަލީގައި އަލިއަޅުއްވާލެއްވިއެވެ.

"ތަޤުވާވެރިންނަށް ޤިޔާމަތްދުވަހުން ލިބެންހުރި ސަވާބާއި ނިޢުމަތްތަކާއި ނިޢުމަތްތަކުގެ ވާހަކަ ޤުރުޢާނުގައި އަންގަވާފައިވޭ. މިއީ އުފަންކުރަންޖެހޭ ކަމެއް. އެހެންވެ ރަމަޟާން މަހަކީ އުފާވެރިކަމުގެ މަހަކަށް މިވަނީ. މި ހިފާ ރޯދައިގެ ސަބަބުން ހިތްތަކުގައި ތަޤުވާވެރިކަން އިތުރުވެ އޭގެ ސަބަބުން ދުނިޔޭގެ އިތުރު އުފަލާއި ބާއްޖަވެރިކަން ލިބޭތީ" ރައީސް މައުމޫން ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް މައުމޫން އިތުރަށް، ޑރ. ސައުދުﷲ ޢަލީ ވަނީ "ހަރުދަނާ އިސްލާމީ ޝަހުސީއްޔަތެއް ބިނާކުރަނީ ކިހިނެއް؟" މި މަޢުޟޫޢަށް ވާހަކަފުޅު ދައްކަވާފައެވެ.

މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރެއްގެ ރޯދަމަހު ކުރިއަށް ގެންދާ އިޙްޔާ ޕްރޮގްރާމަކީ ރައީސް މައުމޫންގެ ވެރިކަމުގައި ކުރިއަށް ގެންދެވި އިޙްޔާ ޕްރޮގްރާމާއި އެއްގޮތަށް، ވެރިކަމުގެ ދައުރު ހަމަވުމަށް ފަހު އެމަނިކުފާނު އިސްނެންގުވުމަށް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަމުން އަންނަ ޕްރޮގްރާމެކެވެ. 2010ވަނަ އަހަރު ފެށިގެން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ މައުމޫން ފައުންޑޭޝަންގެ ދަށުންނެވެ.