ކުޅިވަރު

އިސްތިޢުފާ ދިނީ އެއްވެސް އަލިމަގެއް ނުފެނުމުން


އެފްއޭއެމްގެ އެކްސްކޯއިން 5 މެބްބަރުން އިސްތިޢުފާ ދެއްވީ ކަންތައްތައް ބޮއްސުންލައި، ކަންކަން ރަނގަޅުކުރުމުގެ އެއްވެސް އަލިމަގެއް އެއިދާރާގެ ތެރެއިން ފެނިވަޑައިނުގަތުމުން ކަމަށް އިސްތިޢުފާތިން ފަސް މެންބަރުން ވިދާޅުވެއްޖެއެވެ. 

އެފްއޭއެމްގެ ކަންކަން ބޮއްސުންލައި، އެކްސްކޯއަށް ނޭނގި ބޮޑެތި ކަންތައްތައް ނިންމައި، އެއްވެސް ބާރެއް ނެތި އެކްސްކޯގައި ތިބުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށްވެސް އިސްތިޢުފާދެއްވި ބޭފުޅުން ވިދާޅުވިއެވެ. މިއަދު އެފްއޭއެމްގެ އެކްސްކޯއިން އިސްތިޢުފާދެއްވި ފަސް ބޭފުޅުންނަކީ، އެއިދާރާގެ ނާއިބް ރައީސް ޢަލީ އުމަރާއި، އެކްސްކޯ މެންބަރު އައްސަދު ޢަބްދުލްޣަނއާއި، ޢާއިޝަތު ނާޒިމާއި އަޙްމަދު ޢީސާ އަދި ޤައުމީ ޓީމްގެ ކުރީގެ ފިޒީޝަން އަޙްމަދު ޝަކީބްއެވެ. 

އިސްތިޢުފާ ދެއްވުމަށްފަހު ޢަލީ ޢުމަރު ވިދާޅުވީ އަބަދުވެސް ފުޓްބޯޅައަށް ވަރަށް ލޯބިކުރައްވާ ކަމަށާއި އެފްއޭއެމާ ދުރަށް ވަޑައިގަތުން ވަރަށް އުނގަދޫކަމަށް، ނަމަވެސް ރައްޔިތުނަށް ޖަވާބުދާރީވާންޖެހޭ ބަޔަކަށް ވާއިރު، އެއްވެސް އަގެއް ނެތި، ކަންކަން ނިންމުމުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއްވެސް ނެތި، ކަންތައްތައް ދާތަން ފެނިވަޑައިގަންނަވާތީ، އެއީ އެފްއޭއެމް ހިންގަމުންދާ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް ޢަލީ ޢުމަރު ވިދާޅުވިއެވެ.

ޤައުމީ ޓީމްގެ ކުރީގެ ފިޒީޝަން އަޙްމަދު ޝަކީބު ވިދާޅުވީ ޤައުމީ ޓީމްގެ ކަންކަން ނިންމަވާއިރުވެސް އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާކަމަށާއި، އަދި އެކްސްކޯގައި ނިންމާކަންތައްވެސް، ބައެއް ފަހަރު މީޑިއާ މެދުވެރިކޮށް އެކްސްކޯއަށް އެނގޭކަމަށެވެ. އަދި ޤައުމީ ޓީމްއަށް ހިލޭސާބަހަށް މިހާގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްގެ އަގުޒަވަންކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށާއި ގައުމީ ޓީމްގެ ބެންޗުގައި ނުއިންނެވޭ ގޮތަށް ހެދިއިރުވެސް އެއްވެސް ވަރަކަށް އެކަމާ ބެހޭގޮތުން މަޝްވަރާވެސް ކޮށްފައިނުވާ ކަމަށް ޝަކީބު ވިދާޅުވިއެވެ.

ޤައުމީ ޓީމްމެ ކުރީގެ ކެޕްޓަން އައްސަދު ޢަބްދުލްޣަނީއާއި އަޙްމަދު އީސާވެސް ބުނީ އެއްވެސް ބަހެއް ނުވިކި އެކްސްކޯގައި އިންނަން ބޭނުންނުވާކަމަށް. ކަންކަން ޙައްލުކުރުމަށް ވަރަށް ގިނަފަހަރު މަސައްކަތްކުރައްވައި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީން ވާންޖެހޭއިރު، ކަންތައްތައް ގޯހުން ގޯހަށް ގޮސް، އެކަންތައްތަކުގައި ބަދުނާމްވެވަޑައިގަންނަވަން ބޭނުން ނުވާކަމަށްވެސް އައްސަދު ފާހަގަކުރައްވާފައިވެއެވެ.

 ފަސް މެމްބަރުންގެ އިސްތިޢުފާއާއެކު، އެފްއޭއެމްގެ އެކްސްކޯ މިހާރު ވަނީ ފީފާގެ ޤަވާޢިދު ބުނާގޮތުން އުވިފައެވެ. މި ޙާލަތަށް އެކްސްކޯ ދިއުމުން އަލުން އިންތިޚާބެއް ބާއްވަން އެފްއޭއެމްގެ އަސާސީ ޤަވާޢިދުގައިވާއިރު، މިކަމާ ގުޅޭގޮތުން ފީފާއާ އޭއެފްސީން މާދަމާގެ ވަގުތެއްގައި ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.