ކުޅިވަރު

ސަޕޯޓަރުން މަލާމާތް ކުރާތީވެ ލަންކާ ކެޕްޓަން: ސަރުކާރުން މިކަން ހުއްޓުވައިދީ!


ޓުވެންޓީ20 ކްރިކެޓް މުބާރާތުން ސްރީލަންކާ ކަޓައި ނިއުޒީލޭންޑް ސެމީ ފައިނަލާ ގާތަށް ދަތުރުކުރިއިރު އެންމެ ދެރަވީ ސަޕޯޓަރުން ދިމާކޮށް މަލާމާތް ކުރުމުން ކަމަށް ލަންކާގެ ކެޕްޓަން ދަސުން ޝަނަކާ ބުނެފި އެވެ.

އޭނާ ބުނީ ބަލިވާ ކޮންމެ މެޗެއްގައި ދަނޑުބޭރުން އިވެނީ އަޑުއަހަން ބޭނުންނުވާ އަޑުތައް ކަމަށެވެ.

"އަހަރުމެން ބަލިވީ. އެކަން ގަބޫލު ކުރަން. އެކަމަކު ދަނޑު ބޭރުން ބަލިވާ ކޮންމެ ފަހަރަކު ހިތްވަރު ދިނުމުގެ ބަދަލުގައި ފެންނަނީ މަލާމާތް ކުރާތަން. އަހަރެންނަކަށް ނޭނގެ ލަންކާގެ ކްރިކެޓަށް މިހެންވާންވީ ސަބަބެއް. އަހަރުމެން މޮޅުވިޔަސް ބައެއް ފަހަރު މިކަން ތަކުރާރުވޭ،" ޝަނަކާ ބުންޏެވެ.

އޭނާ ބުނީ ލަންކާ ސަރުކާރުން ވެސް މިހާރު މިކަން ހުއްޓުވަން ވެއްޖެ ކަމަށެވެ.

"އެކަން ހުއްޓުވައިފިނަމަ އެއީ ބެޓްސްމަނަށް ވެސް ލިބެ ހިތްހަމަ ޖެހުމަކަށްވާނެ. އަހަރުމެން ގިނަ ފަހަރު އަޑު ނާހަން ދަނޑު ބޭރުން ދައްކާ ވާހަކަ. އެކަމަކު ހުއްޓުމެއްނެތި މަލާމާތް ކުރާއިރު ސަރުކާރުން ވެސް އިސްވެ މިހާރު މިކަން ހުއްޓުވަން ވެއްޖެ. މީގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރޭ. މެޗުގައި ރަނގަޅަށް ކުޅެން ވެސް އުނދަގޫވޭ،" ކެޕްޓަން ބުންޏެވެ.

ނިއުޒީލޭންޑާއި ލަންކާ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލަންކާ ބަލިވީ 61 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވެގެން ނިއުޒީލޭންޑް ކުޅެން ނުކުމެ 20 އޯވަރުން ހެދީ 168 ލަނޑެވެ. ޖަވާބުގައި ލަންކާ އަށް 20 އޯވަރުން ހެދުނީ 107 ލަނޑެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީން ލަންކާ މުބާރާތުން ކެޓިއިރު އެއީ ގަދަ އަށަކަށް ހޮވުނު ގައުމުތަކުގެެ ތެރެއިން އެންމެ ދަށް ކުޅުމެއް ދެއްކި ގައުމެވެ. ގްރޫޕް ބީން ސެމީ ފައިނަލަށް މިހާރު ހޮވިފައިވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އިނގިރޭސިންނެވެ. ސެމީގެ ފަހު ޖާގަ އަށް ވާދަ ކުރަނީ ޕާކިސްތާނާއި ނިއުޒީލޭންޑެވެ.

ލަންކާގެ ކޯޗު ޖަޔަސޫރިއާ މެޗަށް ފަހު ބުނީ ކްރިކެޓްގެ ގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ލަންކާގެ ކްރިކެޓް އަލުން ކޮޅަށް ޖަހަން ކުރާ މަސައްކަތުގައި ޓީމަށް އެންމެ މުހިންމީ ތަޖުރިބާ ކަމަށެވެ. އަދި މި ފަހަރު މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި ލަންކާގައި މި މުބާރާތް ބޭއްވުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އަހަރުމެންގެ ބެޓިން މި މުބާރާތުގައި އެހާ ރަނގަޅެއް ނޫން. ހާއްސަކޮށް އަވަސް ބޯޅަތަކުގައި ބެޓްސްމަނުންނަށް ވަރަށް ގިނަ ގޯސްތައް ހެދުނު. އެކަމަކު މުޅި ޓީމަށް ބަލާއިރު ބޯލިން އާއި ބެޓިންގެ ތަޖުރިބާ މަދުކަން ފާހަގަ ކުރެވުނު. ލަންކާގެ ކުރީގެ ފޯމަށް އާދެވޭނީ ގިނަ މެޗުތަކެއް ކުޅެގެން،" ކޯޗު ބުންޏެވެ.