ޚަބަރު

ރަޝިޔާގެ ޙަމަލާތަކެއްގައި ޔޫކްރެއިންގެ 20 މީހުން ޒަޚަމު ކޮށްލައިފި


ރަޝިޔާއިން ޔޫކްރެއިންގެ މައި ރަށްތަކަށް އަމާޒުކޮށް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ، ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގެ ރަށްތަކުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގާތްގަނޑަކަށް 20 މީހަކަށް އަނިޔާވި ކަމުގައެވެ. ވެރިރަށް ކީވާއި ޚަރްކިވް ސަރަޙައްދަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ވަނީ ބެލިސްޓިކް އަދި ކްރޫޒް މިސައިލް ބޭނުން ކޮށްފައެވެ. އަދި، ދެކުނުގައި އޮތް ޒަޕޮރީޜިޔާއަށް ޙަމަލާ ދިނުމަށް ގިނަ އަދަދެއްގެ ޑްރޯން ބޭނުން ކުރިއެވެ.

ފަހަކަށް އައިސް ރަޝިޔާގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔޫކްރެއިންގެ ހަކަތަ އުފައްދާ ނިޒާމާއި ވިއުގައަށެވެ. އަދި، އެ ދާއިރާގެ ބިނާރުތަކަށެވެ. ފިނިމޫސުން ފެށުނު ފަހުން ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި އިންޖީނުގެތަކާއި ސަބްސްޓޭޝަންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އޭގެ ސަބަބުން ޢާންމުން ދިރިއުޅޭ ގިނަ ރަށްތަކަކުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެއެވެ.

ޚަރްކިވްގެ ގަވަރުނަރު އޮލެހް ސިންޔެހުބޮވް ވިދާޅުވީ، ރަޝިޔާއިން އެ ސަރަޙައްދަށް ދީފައިވާ ޙަމަލާތަކުގައި 14 މީހަކަށް އަނިޔާވި ކަމުގައެވެ. އޭގެ ތެރޭގައި ހަތް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އަދި، ޚަރްކިވް ސިޓީއަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ދެ މިސައިލާއި 17 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޒަޕޮރީޜިޔާ ސަރަޙައްދުގެ ގަވަރުނަރު އިވަން ފެދެރޮވް ވިދާޅުވީ، އެ ސަރަޙައްދަށް ދީފައިވާ ޙަމަލާތަކުގައި ހަތް ވަރަކަށް މީހުން ޒަޚަމުވި ކަމުގައެވެ. ރަޝިޔާގެ ޙަމަލާތަކުގައި 19 އެޕާޓްމަންޓް އިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށާާއި، ހަކަތައިގެ ނިޒާމުގެ ބިނާރުތަކަށް ދީފައިވާ ޙަމަލާތަކާ ގުޅިގެން 500ށްހާ ގެއިން، ގެދޮރު ހޫނުކޮށްދޭ ނިޒާމުގެ ނުވަތަ ގެދޮރުގެ ފިނިހޫނުމިން މަތިކޮށްދިނުމަށް ފޯރުކޮށްދޭ ޚިދުމަތް ކެނޑިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ވެރިރަށް ކީވަށް ވެސް ރަޝިޔާގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ކީވަށް ޙަމަލާ ދިނުމަށް ބޭނުން ކުރި މިސައިލްތައް ދިފާޢުކޮށް، ވައްޓައިލާފައެވެ. ނަމަވެސް، ވެއްޓުނު މިސައިލްތަކުގެ ބައިތައް ޖެހި ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ރަޝިޔާގެ އެންމެ ފަހުގެ ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ މިސައިލްތަކާއި ޑްރޯންތަކުގެ އަދަދު ސާފެއް ނޫނެވެ.