ޔަހޫދީ ދައުލަތުން އިސްތިޢުމާރު ކޮށްފައިވާ ޖޫލާންގެ އުސް ބިންތަކުގެ ހުޅަނގު ދެކުނުގައި އޮންނަ ސޫރިޔާގެ ޤުނޭޠުރާ ސަރަޙައްދަށް، ޔަހޫދީ ސިފައިން ވަދެގެންފިއެވެ.
ޤުނޭޠުރާ ސަރަޙައްދުގައި އޮންނަ އަވަށްތައް ބަލައި ފާސްކުރުމަށް، ޔަހޫދީންގެ އަސްކަރިއްޔާގެ 30 އެއްހާ އުޅަނދު ވަދެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.
އަދި އެ ސަރަޙައްދުގައި ހުރި ދަނޑުބިންތަކަށް ވެސް ވަދެ، ސޫރިޔާގެ މީހަކު ރަހީނުކޮށްފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ސޫރިޔާގެ ބިމެއް ކަމުގައިވާ ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. އަދި, 1981ވަނަ އަހަރު ޔަހޫދީން ވަނީ އެ ސަރަޙައްދަށް ވެރިވެގަނެ، އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ ޢަމަލެކެވެ.
ފާއިތުވި 13 އަހަރު ސޫރިޔާގައި ވެރިކަން ކުރައްވަމުން ދިޔަ ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން، ދަނޑިވަޅުގެ ބޭނުން ހިފައި، ޖޫލާންގެ އުސްބިންތަކަށް އަތްގަދަކޮށް، އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބިރު ދައްކައި، އެކިއެކި ގޯނާތައް ދަނީ ކުރަމުންނެވެ.
ސޫރިޔާގެ ޙާލަތު ގަޑުބަޑުކުރުމަށް ޔަހޫދީ ދައުލަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސޫރިޔާގެ އެކި ސަރަޙައްދުތަކަށް ދަނީ ޙަމަލާތައްވެސް އަމާޒުކުރަމުންނެވެ.
މިގޮތުން، މިދިޔަ އަހަރު އެކަނިވެސް، ބަރު ހަތިޔާރާއި ޑްރޯން ބޭނުންކޮށްގެން، ޔަހޫދީން ސޫރިޔާއަށް 600އަށް ވުރެ ގިނަ ޙަމަލާ ވަނީ އަމާޒުކޮށްފައެވެ.
ޔަހޫދީ ލަޝްކަރު ޖޫލާންގެ އުސް ބިންތަކުން ފޭބުމަށް ސޫރިޔާއިން ގޮވާލަމުން ދިޔަ ނަމަވެސް ޔަހޫދީން ވަނީ ތަކުރާރުކޮށް އެކަމަށް ދެކޮޅު ހަދައިފައެވެ.