ޚަބަރު

ވަރލްޑް އިކޮނޮމިކް ފޯރަމްގެ ރައީސް އިސްތިޢުފާ ދެއްވައިފި


ޖެފްރީ އެޕްސްޓީން އާއެކު ވަރލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް)ގެ ސީއީއޯ އަދި ރައީސް ބޯރޖް ބްރެންޑޭ ބޭއްވި ގުޅުމުގެ މިނިވަން ތަޙުޤީޤެއް ކުރަމުންދަނިކޮށް، އެ މަޤާމުން އިސްތިޢުފާ ދެއްވަން ބްރެންޑޭ ނިންމަވައިފިއެވެ.

ޑަބްލިޔުއީއެފްގެ ރައީސްކަމަށް ބްރެންޑޭ ވަޑައިގެންނެވީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓީންގެ ފައިލްތައް ޢާންމުކޮށްފައިވާއިރު، އީމެއިލާއި މެސެޖު މެދުވެރިކޮށް، އެޕްސްޓީން އާއެކު ބްރެންޑޭ ގާތްގުޅުމެއް ބާއްވައި، ތިން ފަހަރެއްގެ މަތިން ބައްދަލުކުރެއްވިކަން ވެސް ވަނީ ހާމަވެފައެވެ.

އިސްތިޢުފާ ދެއްވަން ނެރުއްވި ބަޔާނުގައި، ބްރެންޑޭ ވަނީ ޑަބްލިޔުއީއެފްގެ ރައީސްކަމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުނުކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް، އެޕްސްޓީން އާއެކު ބޭއްވި ގުޅުމަށް އެ ބަޔާނުގައި އެއްވެސް ވަރަކަށް އިޝާރާތް ކުރައްވާފައެއް ނުވެއެވެ.

މި މައްސަލަ ފުރަތަމަ ފެންމަތިވެގެން އައިރު، 2018 ވަނަ އަހަރުގެ ތެރޭގައި އެޕްސްޓީން އާ ފުރަތަމަ ބައްދަލުވިއިރު، އޭނާއަށް ކުރެވޭ ޖިނާޢީ ތުހުމަތުތައް އެނގިވަޑައިނުގަންނަވާކަމަށް ބްރެންޑޭ ވިދާޅުވެފައިވެއެވެ.

2008ވަނަ އަހަރުގެ ތެރޭގައި ކުޑަކުއްޖަކާއެކު ނަހަމަ ގުޅުން ބޭއްވި ކަމުގެ ކުށް ސާބިތުވެފައިވާ އެޕްސްޓީންގެ ފައިލްތަކުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއެކު ބޭއްވި ގުޅުންތައް ވަނީ ހާމަވެފައެވެ. އޭގެތެރޭގައި، އިނގިރޭސިވިލާތުގެ ރަަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫ މައުންޓްބެޓަން ވިންޑްސަރ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެޕްސްޓީން އާއެކު ބްރެންޑޭ ބޭއްވި ގުޅުމުގެ މައްޗަށް ހިންގި މިނިވަން ތަޙުޤީޤު ނިމިފައިވާ ކަމަށާއި، އެ ފައިލްތަކުން ހާމަވި މަޢުލޫމާތު ފިޔަވައި، އެ ތަޙުޤީޤުން އިތުރު ކަމެއް ފާހަގަވެފައިނުވާކަމަށް ވަނީ ބުނެފައެވެ.