ޚަބަރު

ފެންނަނީ ގުޅިގެން މަސައްކަތްކޮށްފިނަމަ ފުޓުބޯޅަ ކުރިއެރުވޭނެކަން: ވަޒީރު ރާފިއު


  • ޕްރެސިޑެންޓް ކަޕް ބޭއްވުނީ ކުލަބުތަކާއި އެފްއޭއެމާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން

  • އެ މުބާރާތުން އެނގުނީ ގުޅިގެން މަސައްކަތް ކޮށްފިނަމަ ފުޓުބޯޅަ ކުރިއެރުވިދާނެކަން

ޕްރެސިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތް، ގާތްގަނޑަކަށް 2 އަހަރަށްވުރެ ގިނަ ދުވަސްފަހުން އެހާ ފޯރިގަދަކޮށް މިބޭއްވުނީ ކުލަބުތަކާއި ސަރުކާރާއި އެފްއޭއެމުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއިން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕްރެސިޑެންޓްސް ކަޕަކީ 1946 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތެވެ. މިއަހަރު ބޭއްވި މުބާރާތަކީ މިނަމުގައި ބޭއްވި 80 ވަނަ މުބާރާތެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުރިޔަށްދިޔަ، އޮޑި ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި ޕްރެސިޑެންޓްސް ކަޕް 2026 ގެ ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، އެ މުބާރާތުން އެނގުނީ ގުޅިގެން މަސައްކަތް ކޮށްފިނަމަ ފުޓްބޯޅަ ކުރިއެރުވިދާނެކަން ކަމަށެވެ.

ވަޒީރު ވިދާޅުވީ އަލުން ފޯރީގައި ފުޓުބޯޅަ މުބާރާތްތައް މި ބޭއްވެނީ ކަމާގުޅޭ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

"މީގެން އިނގެނީ އަޅުގަނޑުމެން އެންމެން އެކުގައި ކުލަބުތަކާއި ސަރުކާރާއި އެސޯސިއޭޝަނާއި ގުޅިގެން މަސައްކަތް ކޮށްފިއްޔާ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ކުޅިވަރުތައް ކުރިއެރުވިދާނެ. ފުޓްބޯޅަ ހަމަ ނެތިގެން ދަނިކޮށް، އެއްކޮށް ގޮއްސަހެން އޮއްވާ ހަމަ އެސޯސިއޭޝަން ނޯމަލައިޒްކޮށް އަލުން އިލެކްޝަން ބާއްވާ ހިންގާ ޤަވާއިދު ބަދަލުކުރެވި މުބާރާތައް ފެށިގެން މިހާ ފޯރިގަދަކޮށް މުބާރާތް ނިމިގެން ދިޔަތަން މި ފެނުނީ" ވަޒީރު ވިދާޅުވިއެވެ.

ފައިނަލްގައި 1-1 އިން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 5-4 އިން އޮޑި މުބާރާތް ކާމިޔާބުކުރި ފައިނަލް މެޗަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ، މި މުބާރާތް ފެނުނީ ވަރަށް ފޯރިގަދަކޮށް ވަރަށް ވާދަވެރިކޮށް ކަމަށެވެ. އަދި މިއިން އެނގުނީ މިދިޔައީ ކުލަބުތަކުގެ ފެންވަރު ކުރިޔަށްވުރެ ރަނގަޅުވެފައިވާކަން ކަމަށާއި، ފައިނަލް މެޗުގައިވެސް ފެނުނީ ވަރަށް ރީތި ފުޓުބޯޅައެއް ކުޅުނުތަން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިކުޅިވަރު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕްރެސިޑެންޓްސް ކަޕްގެ ފައިނަލު މެޗު ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ދަނޑަށް ވަޑައިގެންނެވުމުން ފާހަގަކުރެވުނީ އެމަނިކުފާނުގެ ހިތްޕުޅުގައި ފުޓުބޯޅައާއި ދޭތެރޭގައި އޮތް ހާއްސަކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއާއި، މުބާރާތް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ދަނޑަށް ވަޑައިގެން ފައިނަލް މެޗު ޝަރަޕުވެރިކޮށްދެއްވުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ކުޅިވަރައި ދޭތެރޭ އޮތް ހާއްސަކަން ފާހަގަވެގެން ދިޔަ ކަމެއް" ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ޕްރެސިޑެންޓްސް ކަޕް 2026ގެ ތަށި އުފުލާލީ މުޅިން އަލަށް މި ސީޒަނުގައި ވާދަކުރަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބުންނެވެ. މި މުބާރާތަށްފަހު ދެން އެންމެ އަވަހަށް މި ސީޒަނުގައި އޮންނާނީ އެފްއޭ ކަޕެވެ.