އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަން، ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އޮމާނުން ހާމަކޮށްފިއެވެ. ނަމަވެސް، ސްވިޓްޒަލެންޑްގެ ޖެނީވާގައި އެތަކެއް ގަޑިއިރަކަށް ދެމިގެންދިޔަ މަޝްވަރާތައް ނިމިފައިވަނީ، އެމެރިކާއިން ދީފާނެކަމަށް ބެލެވޭ އަސްކަރީ ޙަމަލާތައް ހުއްޓުވިދާނެ ފަދަ ފުރިހަމަ އެއްބަސްވުމަކާ ނުލައެވެ. މިހާރު ވެސް އެމެރިކާއިން ވަނީ އިރާން ކައިރިއަށް ގިނަ އަދަދެއްގެ ސިފައިންނާއި އަސްކަރީ އުޅަނދުތައް ޖަމާކޮށްފައެވެ. މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައި ވަނިކޮށް ޔަހޫދީ އިސްރާއީލުން ވަނީ އީރާނަށް ޙަމަލާ ދެން ފަށާފައެވެ. މިއާ އެކު، މަޝްވަރާތަކަށް ހިޔަނިއެޅިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
މަޝްވަރާތަކާ ގުޅޭ ގޮތުން އޮމާންގެ ޚާރިޖީ ވަޒީރު ސައްޔިދު ބަދްރު އަލްބުސައިދީ ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ވަރަށް މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައެވެ. ތަހްރާނާއި ވޮޝިންގްޓަނުގައި އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ފަހު، ކުރިއަށް އޮތް ހަފުތާގައި އޮސްޓްރިއާގެ ވިއެނާގައި ޓެކްނިކަލް ދާއިރާގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖެނީވާގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެމެރިކާގެ މަންދޫބުން ކަމުގައިވާ ސްޓީވް ވިޓްކޮފް އަދި ޖެރާޑް ކުޝްނަރއާއި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ ބައްދަލުކުރައްވާފައެވެ. މި މަޝްވަރާތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮމާންގެ ޚާރިޖީ ވަޒީރު ވޮޝިންގްޓަނަށް ވަޑައިގަންނަވައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްއާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްވަރާތަކުގެ އެންމެ ބޮޑު ގޮންޖެހުމަކީ ދެ ޤައުމުގެ ޑިމާންޑުތައް ތަފާތުވުމެވެ. ޓްރަމްޕްގެ ސަރުކާރުން ބޭނުންވަނީ އީރާނުން ޔުރޭނިއަމް ފައްކާކުރުން އެއްކޮށް ހުއްޓައިލުމަށެވެ. އަދި، އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމުގެ އިތުރުން، މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓާލުން ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނުމަށް އެމެރިކާއިން އަންނަނީ ބާރުއަޅަމުންނެވެ. އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އީރާނުން މަސައްކަތްކުރަނީ ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމަށެވެ. އެމެރިކާއިން ބުނަމުންދަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާނީ އީރާނުން ބޮޑެތި ދޫތަކެއް ދިނުމުން ކަމަށެވެ.
ނަމަވެސް، އީރާނުން ވަނީ ނިއުކްލިއަރ ހަތިޔާރެއް އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އީރާނުން އެދެނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށާއި، ޔުރޭނިއަމް ފައްކާކުރުމުގެ ޙައްޤު އެ ޤައުމަށް ވެސް ލިބިގެންވާކަން ބަލައިގަތުމަށެވެ. ޢަރާޤިޖީ ވިދާޅުވީ ބައެއް މައްސަލަތަކުގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އަދިވެސް ބައެއް ކަންކަމުގައި ޚިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ. އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ނިއުކްލިއަރ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ވަކިކޮށްފިނަމަ، ދެ ޤައުމަށް ވެސް އެއްބަސްވެވޭނެ އޮނިގަނޑަކަށް އާދެވިދާނެ ކަމުގައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދެމުންދާ ކަން އޮމާނުން ހާމަ ކުރުމާ އެކު، ޔަހޫދީ އިސްރާއީލުން ވަނީ އީރާނަށް ޙަމަލާ ދޭން ފަށާފައެވެ. ޔަހޫދީ އިސްރާއީލުގެ ދިފާޢީ ވުޒާރާއިން މި ކަން އިޢުލާނު ކޮށްފައިވާއިރު، އީރާންގެ މީޑިޔާތަކުން ވެސް ވަނީ އެ ޤައުމަށް ޔަހޫދީން ޙަމަލާ ދެމުންދާ ކަން ކަށަވަރު ކޮށްދީފައެވެ. މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކޮށްފައި ވަނީ، މިއީ އީރާން-އެމެރިކާ މަޝްވަރާތަކުގައި ހޯދަމުންދާ ކުރިއެރުންތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ފަށާފައިވާ ޖަރީމާއެއްގެ ގޮތުގައެވެ. ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން މަޝްވަރާތަކަށް ހިޔަނިއެޅިގެންދާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.