ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް އަށް މިއަދު ލިބިފައިވާ މަގާމަކީ ވަރަށް ބުރަ މަސައްކަތުން ހޯދި ހައްގު މަގާމެއް ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ގުރުނެގުމުގެ ރަސްމިއްޔާތަށްފަހު އާޓެޓާ ބުނީ، މުބާރާތުގެ ކުރިއަށް އޮތް ބުރުގައި ކުޅެން މުޅި ޓީމުވެސް އޮތީ ވަރަށް ބޮޑަށް ކެތްމަދުވެ، އުފާވެފައި ކަމަށެވެ. އަދި މުބާރާތުގައި ވަރުގަދަ، އާސެނަލްއަށް ފައިދާވާފަދަ މަގާމެއްގައި ޓީމު އޮތުން އެއީ މިއަދު ހައްގު ކަމެއް ކަމަށާއި، ލީގު ބުރުގައި ހޯދި ނަތީޖާއިން އެކަން ހައްގުވާ ކަމަށެވެ.
އެހެންކަމުން ކުރިއަށް ދެން އޮތީ، އިދިކޮޅަށް ނުކުންނަ ޓީމުގެ ކަންކަން ބަލައި، ދެނެގަނެ، މެޗުތަކަށް ތައްޔާރުވުންކަމަށާއި، އަމާޒަކީ ގަދަ 16 ވެސް ފަހަނަ އަޅައި، ކުއާޓަރ ފައިނަލަށް އަދި އެއަށްފަހު ސެމީއަށް އަދި އެއަށްފަހު ފައިނަލަށް ދިއުންކަމަށް އާޓެޓާ ބުންޏެވެ.
މި ސީޒަނުގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ ބޮޑު ފުރުސަތެއް ވެސް މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވާއިރު، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު ވެސް އެއްވަނައިގައި އޮތީ އާސެނަލް އެވެ.
މުބާރާތުގެ ރައުންޑް އޮފް 16 ގައި އާސެނަލް ނުކުންނާނީ ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ލެގު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. ދެވަނަ ލެގު އޮންނާނީ 18 ވަނަ ދުވަހުއެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގައި އާސެނަލް އޮތީ ފަސޭހަ ފަޅީގައެވެ. އާސެނަލް އޮތް ފަޅި ނޫން އަނެއް ފަޅީގައި، ވަރުގަދަ ރެއާލް މެޑްރިޑް، ޕީއެސްޖީ، މެންޗަސްޓަރ ސިޓީ، ލިވަޕޫން އަދި ބަޔާން މިއުނިކް ފަދަ ޓީމުތައް ހިމެނެއެވެ.
އާސެނަލްއާ އެއްފަޅިއެއްގައި ހިމެނެނީ ބަޔާ ލެވަކޫސަންގެ އިތުރުން ނިއުކާސަލް، ބާސެލޯނާ، ބޯޑޯ ގްލިމްޓް، ސްޕޯޓިން ސީޕީގެ އިތުރުން އެތުލެޓިކޯ މެޑްރިޑާއި ޓޮޓްނަމް ހޮޓްސްޕަރ އެވެ.
ގަދަ 16ގައި އާސެނަލްއަށް ކުރި ލިބިއްޖެނަމަ ކުއާޓަރ ފައިނަލުގައި ނުކުންނާނީ ސްޕޯޓިން ނުވަތަ ބޯޑޯ ގްލިމްޓާ ދެކޮޅަށެވެ.