ކުޅިވަރު

އީގަލްސްއާ 2 ޕޮއިންޓް ކައިރިއަށް ޓީސީ ޖެހިލައިފި


އުރީދޫ ދިވެހި ޕްރިމިއާރ ލީގް ތާވަލްގެ ދެވަނާގައިވާ ކުލަބް އީގަލްސްއާ 2 ޕޮއިންޓް ކައިރިއަށް ޓީސީ ސްޕޯޓްސް ކުލަބް ޖެހިލައިފިއެވެ.

 ޓީސީ ސްޕޯޓްސް ކުލަބް އީގަލްސްއާ 2 ޕޮއިންޓް ކައިރިއަށް ޖެހިލާފައިވަނީ ރޭ ބީޖީ ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރި ހޯދުމާ ގުޅިގެންނެވެ. ތާވަލްގެ 2ވަނާގައިވާ ކުލަބް އީގަލްސްއަށް 32 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗް ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކުލަބްއަށްވަނީ 30 ޕޮއިންޓް ލިބިފަ. 

އުރީދު ދިވެހި ޕްރިމިއާރ ލީގްގައި ރޭ ބީޖީ ސްޕޯޓްސް ކުލަބްއާ ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރި މެޗް ޓީސީ ކާމިޔާބުކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. މެޗްގައި ފުރަތަމަ ލީޑްނަގާ ކުރި ހޯދީވެސް ޓީސީއިން. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއުއެވެ. މެޗްގެ ދެވަނަ ހާފްގައި ބީޖީ ސްޕޯޓްސް ކުލަބްއިން ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު ބީޖީއަށް ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމްއެވެ. ނަމަވެސް މެޗް ނިމުމުގެ ކުރިން ޓީސީއިންވަނީ ތިން ލަނޑުޖަހާ މެޗްގެ ނަތީޖާ ހަތަރެއް އެކަކަށް ބަދަލްކޮށްލާފައެވެ. ޓީސީގެ ފަހު ތިން ލަނޑު އެޓީމް ކާމިޔާބުކޮށްދިނީ ޔާމީން އިބްރާހީމްއާ އަލީ ފާސިރުއެވެ. އަލީ ފާސިރުވަނީ މިމެޗްގައި ދެ ލަނޑު ޖާހަފައެވެ.

 މިމުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ކުލަބް ވެލެންސިޔާއާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ މާޒިޔާއާ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.