ގިނަ ދުވަސްތަކެއް ވަންދެން ތަކުރާރުކޮސް އިންޒާރު ދިނުމަށް ފަހު، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތާ ގުޅިގެން އެމެރިކާއިން އަނެއްކާ ވެސް މި ވަނީ އީރާނަށް ޙަމަލާދޭން ފަށައިފައެވެ. އެއާއެކު މެދުއިރުމަތީ ސަރަޙައްދަށް އަނެއްކާ ވެސް މި ވަނީ ލޮޅުން އަރައި ހަނގުރާމައިގެ ހިޔަނި އެޅިފައެވެ.
ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ވެސް ދަނީ ރައްދު ޙަމަލާތައް ދެމުންނެވެ. އީރާނުން ބުނަމުން ދަނީ ޔަހޫދީންނާއި އެމެރިކާއިން އެ ޤައުމަށް ޙަމަލާ ދެނީ މަޤުބޫލު ސަބަބެއް ނެތި ކަމަށާއި ޤާނޫނާ ޚިލާފަށް ކަމަށެވެ.
އީރާނުން ރައްދުގައި ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ތިން ޤައުމުން އެކުގައި ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ތިން ޤައުމުން ވެސް ސަރަޙައްދީ ހަަމަޖެހުން ދެމެހެއްޓުމަށް މަސައްކަތްކުރުމުގެ މަތީގައި ދެމިތިބޭނެ ކަމަށެވެ. އަދި ޢާންމުންގެ ފުރާނަ ރައްކާތެރި ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވަކި އަމާޒެއް ނެތި ޙަމަލާ ނުދިނުމަށް އީރާނަށް ގޮވާލާފައިވެއެވެ. މައްސަލަ ނިމުމަކަށް ގައުމަށް އަލުން މަޝްވަރާގެ މޭޒުގެ ދޮށަށް ދިޔުމަށް ވެސް އެ ބަޔާނުގައި ހިތްވަރުދީފައިވެއެވެ.
ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވައިފައެވެ. އެމެރިކާއާއި ޔަހޫދީންނާއި އީރާނާ ދެމެދު ކުރާ ހަނގުރާމައެއްގެ ސަބަބުން ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ބޮޑެތި އަސަރުތައް ކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިހާރު އޮތް ޙާލަތު އިތުރަށް ގޯސްވިޔަ ނުދީ ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ސަރުކާރަށް މިހާރު އޮތް ހަމައެކަނި ގޮތަކީ އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއާއި ބެލިސްޓިކް މިސައިލް މަޝްރޫޢުގެ އިތުރުން ސަރަޙައްދީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ އެންމެހާ ޢަމަލުތައް ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރުން ކަމަށް ވެސް މެޚްރޮން ވިދާޅުވެފައިވެއެވެ.
އދގ އިންސާނީ ހައްޤުތަކާ ބެހޭ އިސްވެރިޔާ، ވޮލްކާ ޓަރކް ވަނީ އެމެރިކާއާއި ޔަހޫދީން އީރާނަށް ދިން ޙަމަލާ ކުށްވެރިކުރައްވައިފައެވެ. އަދި އީރާނުން ރައްދުގައި ދިން ޙަމަލާތައް ވެސް އޭނާ ކުށްވެރިކުރައްވާފައިވެއެވެ. އޭނާ ވިދާޅުވީ މި ފަދަ ކޮންމެ ޙާލަތެެއްގައި ގެއްލުން ވަނީ ޢާންމުންނަށް ކަމަށެވެ. އަދި ޚިޔާލު ތަފާތުވުންތައް ޙައްލު ކުރާނެ މަގަކީ ބޮމާއި މިސައިލް ނޫން ކަމަށާއި، އެ މަގު ޚިޔާރު ކޮށްފި ނަމަ ގިނަ ބަޔަކު މަރުވެ، ތަންތަން ސުންނާފަތިވެ އިންސާނުންނަށް ތަކުލީފާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ ނަތީޖާއަކުން ޢާންމުން ސަލާމަތްކުރަން ބޭނުންވާނަމަ ހުރިހާ ފަރާތަކުން ވެސް ބުއްދީގެ ބޭނުންކޮށް، އަލުން މަޝްވަރާގެ މޭޒުގެ ދޮަށަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ މުޅި މެދުއިރުމަތީ ސަރަޙައްދަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެނެޑާގެ ބޮޑުވަޒީރު މަރކް ކާނޭ ވިދާޅުވީ އީރާނުން ނިއުކްލިޔަރ ހަތިޔާރެއް ހޯދުން ހުއްޓުވުމަށާއި، އެ ޤައުމުން ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ނުރައްކާކުރުން ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތަށް އެ ޤައުމުން ހިތްވަރުދޭ ކަމަށެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެެޑްރޯ ސަންޗޭޒް ވިދާޅުވީ ހުރިހާ ފަރާތަކުން ވެސް ބައިނަލްްއަޤްވާމީ ޤާނޫނަށް އިޚްތިރާމު ކުރުމަށް ގޮވާލައްވައި ކަމަށެެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު އަލްބަރެސް ވެސް ވަނީ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް، ޙަމަލާތައް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ޢުމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު އެ ޤައުމުން ވިލަރެސް ކުރަމުންދާ މަޝްވަރާތަކަށް އަނެއްކާ ވެސް ހުރަސްއެޅިފައިވާ ކަމަށެވެ. އެމެރިކާގެ މަސްލަހަތަށް ވެސް އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ވެސް މިހާރު ކަން ހިންގަމުންދާ ގޮތުން ފައިދާއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އެމެރިކާގެ ހަނގުރާމައެއް ނޫން ކަމަށާއި، މި މައްސަލައިގެ ތެރެއަަށް އެ ޤައުމުން ނުވަނުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ނޯވޭގެ ޚާރިޖީ ވަޒީރު، އެސްޕެން ބަޓް އައިދަ ވިދާޅުވީ ޔަހޫދީން ދިން ޙަަމަލާއަކީ ކަމެއް ހިނގިޔަ ނުދިނުމަށް ދީފައިވާ ޙަމަލާއެއް ކަމަށް ޔަހޫދީން ބުނި ނަމަވެސް، އެއީ ބައިނަލްއަޤްވާމީ ޤާނޫނާ އެއްގޮތަށް ދީފައިވާ ޙަމަލާއެއް ނޫން ކަމަށެވެ. ވަރަށް ބޮޑު ނުރައްކަލެއް ވަގުތުން ވަގުތަށް ކުރިމަތިވުމުން ނޫނީ އެ ފަދަ ޙަމަލާއެއް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ސަލާމަތީ މަޖިލީހުގެ މުުޤައްރިރުގެ ނައިބު، ދިމިތުރީ މިދްވިއެރިވް ވިދާޅުވީ “ޞުލްޙަ ޤަާއިމް ކުރާ ފަރާތް” ކަމަށް ވަކާލާތު ކުރާ މީހުންގެ މޫނު އަނެއްކާ ވެސް ދައްކާލާފައިވާ ކަމަށެވެ. އީރާނާއެކު ކުރަމުންދާ ހުރިހާ މަޝްވަރާތަކަކީ އޮޅުވައިލުމެއް ކަމަށާއި، މަޝްވަރާގެ މަގުން އެއްވެސް ކަމެއް ޙައްލު ކުރަން ހަޤީޤަތުގައި ނޭދޭ ކަމަށް އޭނާ ވިދާޅުވިއެވެ.