ތަރައްްޤީ

ހުޅުމާލޭގައި އެއްމެދު އިމާރާތް ތަރައްޤީކުރުމަށް 7 ބިމެއް ދޫކުރަނީ


ހުޅުމާލޭގެ 7 ބިމެއްގައި އެއްމެދު ޢިމާރާތް ތަރައްޤީކޮށް ވިއްކުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

މިފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިއަލަށް ވަނީ ހުލުވާލާފައެވެ.

ހުޅުމާލެގައި އެއް މެދު ޢިމާރާތް ތަރައްޤީކޮށް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ މިމަޝްރޫޢުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7 ބިމެއްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މިގޮތުން ހުޅުމާލެ ނެއިބަރހުޑް 1 އިން ދޫކުރުމަށް ހަމަޖެހިފައިވާ މިބިންތަކަކީ 2600 އާއި 2700 އަކަފޫޓްގެ ބިންތަކެކެވެ.

އެޗްޑީސީން ވިދާޅުވީ މިބިންތަކުގައި ޢިމާރާތްކުރެވޭތަން ތަރައްޤީކުރެވިގެންދާނީ މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެންކަމަށެވެ. އެގޮތުން ހަވާލުކުރެވޭ ބިމުގައި ޢިމާރާތްކުރެވޭ ޖާގައިގެތެރެއިން އެޕާރޓްމަންޓްތައް ތަރައްޤީކުރުމަށް ކަނޑައަޅާ ޖުމްލަ ބޮޑުމިނުގެ 60 ޕަސެންޓް ތަރައްޤީކުރަންޖެހޭނީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ. އަދި ޖުމްލަ ބޮޑުމިނުގެ 40 ޕަސެންޓަށްވާ ބައިގައި ބިން ތަރައްޤީކުރުމަށް މެދު ފަންތީގެ އެޕާރޓްމަންޓްތަކަށްވުރެ ފެންވަރު ދަށްނުވާގޮތަށް އެތަން ތަރައްޤީކުރުމުގެ އިޚްތިޔާރުލިބިގެންވާކަމަށެވެ.

އެޕާރޓްމަންޓްތައް ތަރައްޤީކުރުމަށްފަހު ވިއްކޭނެ އެންމެ މަތީ އަގަކީ ބީލަމުގައި ހުށަހަޅާފައިވާ އަގުކަމަށް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. ތަފްސީލް ކުރެހުންތައް ފާސްކުރާ ތާރީޚުން ފެށިގެން 2 އަހަރުގެ ތެރޭގައި އެޕާރޓްމަންޓްތައް ތަރައްޤީކޮށް ނިންމަންޖެހޭގޮތަށް ކަނޑައަޅާފައިވާ މިމަޝްރޫޢުއަށްް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ބިންތަރައްޤީކުރުމަށް ހަވާލުކުރެވޭ ފަރާތުންނެވެ.

އެޗްޑީސީ އިން މަޢުލޫމާތުދޭ ގޮތުގައި މިބިންތަކުގައި އެޕާޓްމަންޓް ތަރައްޤީކުރުމަށް، އެއްމެދު ޢިމާރާތް ނުވަތަ ރޯހައުސް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވާ އެއްވެސް ކުންފުންޏެއްގެ ޙިއްސާއެއް އޮންނަ އެއްވެސް ކުންފުންޏަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެކަމަށެވެ.

މިމަޝްރޫޢަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކުރެއެވެ.