ކުޅިވަރު

ލީގުގެ ފުރަތަމަ މެޗް ރެޑްލައިން ކުލަބް ކާމިޔާބުކޮށްފި


11ވަނަ ޤައުމީ ބާސްކެޓް ލީގްގެ ފުރަތަމަ މެޗް 5 ޕޮއިންޓްގެ ތަފާތުން ރެޑްލައިން ކްލަބް ކާމިޔާބުކޮށްފިއެވެ. 

ރޭފެށި ލީގުގެ ފުރަތަމަ މެޗް ރެޑްލައިން ކާމިޔާބުކޮށްފައިވަނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާ ވާދަކޮށް 79 ޕޮއިންޓް 74 ޕޮއިންޓުންްނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 4ވަނަ ކުއާޓަރ ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ. މެޗް ނިމެން 2 މިނެޓްއަށް ވެފައިވަނިކޮށް ޓީރެކްސްއިން މެޗްގެ ލީޑްނެގިއެވެ. ނަމަވެސް އެލީޑްގައި މާގިނައިރު ޓީރެކްސްއަށް ހިފެހެއްޓޭ ގޮތްވަނީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗް ނިމެން މިނެޓަކަށް ވުރެއް ކުޑަވެފައިވަނިކޮށް އާރްއެލްސީ ލީޑްނަގާ މެޗް ކާމިޔާބުކުރިއެވެ. މެޗް ގެއްލުމާ ގުޅިގެން ޓީރެކްސްގެ ކުޅުންތެރިންގެ ފަރާތުން މާޔޫސްކަން ފެނިގެންދިޔަކަން ފާހަގަކޮށްލެވުނެވެ. މިމެޗްގައި ރެޑްލައިންއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ އެލެންއެވެ. އެލެންސްވަނީ ރެޑްލައިންއަށް 20 ޕޮއިންޓް ހޯދާދީފައެވެ. އަދި ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ އެޓީމްގެވެސް ބިދޭސީ ކުޅުންތެރިޔާ ރިކިންއެވެ.

 ރިކިންވަނީ ޓީރެކްސްއަށް 30 ޕޮއިންޓް ހޯދާދީފައެވެ. އަދި، މެޗްގެ މޮޅު ކުޅުންތެރިޔާއަށްވެސް ހޮވިފައިވަނީ ރިކިންއެވެ.