ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން ނުފުރި ތިބި މީހުންނާއި، ޓްރާންސިޓް ޕްލައިޓްތައް ކެންސަލްވުމުން ނުފުރި ތިބި މީހުން ޢުމްރާއަށް ފުރޭނެ ގޮތެއް ހޯދުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން އެ ވުޒާރާއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން އައީ މިކަން ޙައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާ ކަމަށާއި، މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުމާއި އަދި އުމްރާގެ އަޅުކަމަށް ދާ ފަރާތްތައް އުމްރާއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭ ބައެއް ކުންފުނިތަކުން ފައިސާ ނަގާ އޮޅުވާލާ މައްސަލަ ފެންމަތިވެއެވެ. އެގޮތުން މި ފަހަރުވެސް އަމިއްލަ ޢުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔަ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.
"އަލްއަބްރާރު" ކުންފުނިން ވަނީ، މިރަމަޟާން މަހަށް ޚާއްޞަކޮށް 3 މާރިޗުން 26 މާރިޗުގެ ނިޔަލަށް ޢުމްރާ ދަތުރަށް ފުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އެދަތުރު ކެންސަލްކޮށްފައެވެ. މިކަމާއި ގުޅިގެން ޢުމުރާއަށް މީހުން ގެންދިއުމަށް އަލްއަބްރާރު ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ހިފަހައްޓާފައެވެ.