ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އަންނަ އޭޕްރިލް މަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަޤީޤަތެއްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ 2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ. އަދި މިހާރު ކަން ހިނގާގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަކަށް ރައްޔިތުން 5 އަހަރުގެ ދައުރެއް ދިން ނަމަވެސް އެ ރައީސަކު ވެރިކަމުގެ ފުރަތަމަ 6 މަސް ދުވަސް ހޭދަކުރަން ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން ކަމަށްވެސް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެ ހެން ކުރަންޖެހިފައިވާ ކަމެއް!
— Qasim Ibrahim (@qasimibrahim) March 8, 2026
2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލް ޖުމްހޫރިއްޔާ ގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ،… pic.twitter.com/Xiw8tEiyQx
ޤާސިމް ވިދާޅުވީ މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސަކަށް އިންތިޚާބުވާ ފަރާތެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ޤައުމުގެ ހަމަޖެހުން ގެއްލިގެން ދާ ކަމަށާއި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި މެޖޯރިޓީ އެއްބަސްވުމުންކަން ފާހަގަކުރައްވައި ޤާސިމް ވަނީ އަންނަ އެޕްރީލް މަހު ނަގާ ވޯޓުގައި ރާއްޖޭގެ ރައްޔިތުން ބިލު ތަސްދީގުކުރަން "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއެކު މަޖިލިސް އިންތިޚާބު ބޭއްވުމުން ހުރިހާގޮތަކުންވެސް ފައިދާ ބޮޑުވާނީ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިޔަނަށްވުރެ ގިނަ ފައިސާ ސަލާމަތްކުރެވޭނެ ކަމަށާއި، އެފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިޚާބާ ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައްވެސް މީގެ ސަބަބުން ކުޑަވެގެންދާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.