ލުބްނާނުގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި، ފަނާކުރަނިވި ހަތިޔާރު ބޭނުންކުރަމުންދާކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)އިން ހާމަކޮށްފިއެވެ.
އެ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނީ، ލުބްނާނުގެ ދެކުނުގައި މީހުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާގައި ޔަހޫދީން ވަނީ ހުދު ފޮސްފަރަސް ބޭނުންކޮށްފައެވެ. ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ފަނާކުރަނިވި ހަތިޔާރެއްގެ ގޮތުގައި މަނާކޮށްފައިވާ ހުދު ފޮސްފަރަސް ވައިގެ ތެރޭގައި ޖެހުމާއެކު ބޮޑު ސަރަޙައްދަކަށް އަލިފާން ފެތުރިގެންދެއެވެ. އަދި އިންސާނުންގެ ހަށިގަނޑުގައި ޖެހުމާއެކު ގައިގެ ތަންތަންގަނޑު ވަރަށް ބޮޑަށް ފިހިގެންދެއެވެ.
މިގޮތުން، މާޗް 3 ވަނަ ދުވަހު ލުބްނާންގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ދިން ޙަމަލާގައި ހުދު ފޮސްފަރަސް ބޭނުންކުރުމުގެ ސަބަބުން، މީހުން ދިރިއުޅޭ ދެ ގެއެއްގައި ވަރަށް ބޮޑަށް ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ލުބްނާނާ ހަމައަށް ވެސް ފެތުރިފައިވާއިރު، ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، ގެދޮރު ގެއްލުނު މީހުންގެ ޢަދަދު މިހާރުވެސް ވަނީ ބައި މިލިއަނަށް އަރައިފައެވެ.
ލުބްނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲ އިން ޔަހޫދީނަށް ޙަމަލާދޭން ފެށީ، ފެބްރުއަރީ 28ގައި އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ޙަމަލާދީ، އެ ޤައުމުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ޝަހީދުކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
ޙިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ، ޔަހޫދީން ދަނީ ލުބްނާންގެ ވެރިރަށް ބެއިރޫތާއި ވަށައިގެންވާ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.
ލުބްނާނުގެ އިޖުތިމާޢީ ކަންތައްތަކާބެހޭ ވަޒީރު ޙަނީން ސަޢީދު ނޫސްވެރިންނަށް ވިދާޅުވީ، ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުގައި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު 517،000 އަރާފައިވާ ކަމަށެވެ. މީގެތެރޭގައި ސަރުކާރުން ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި ތިބި 117،000އަށް ވުރެ ގިނަ މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
ޙިޒްބުﷲއަށް ޢަމާޒުކޮށް ކަމަށްބުނެ، ޔަހޫދީންގެ ޙަމަލާތައް ވަރުގަދަކޮށްފައިވާއިރު، ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޝަހީދުވި މީހުންގެ ޢަދަދު 394އަށް ވަނީ އަރައިފައެވެ. އޭގެތެރޭގައި 83 ކުޑަކުދިންނާއި 42 އަންހެނުން ހިމެނޭކަމަށް ލުބްނާނުގެ ސިއްޙީ ވުޒާރާއިން ބުންޏެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ވެރިރަށް ބެއިރޫތާއި އިރުމަތީގެ ގިނަ ސަރަޙައްދުތަކުގެ ޢިމާރާތްތަކަށާއި މަގުތަކާއި އެއްގަމު އުޅަނދުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ވައިގެ ޙަމަލާތައް ދިނުމުގެ އިތުރުން، ލުބްނާންގެ އިރުމަތީގައި އޮންނަ ބިޤާޢު ވާދީއަށް އެއްގަމުން ވަދެގަންނަން ވެސް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޙިޒްބުﷲއިން ވެސް ދަނީ ޔަހޫދީންގެ ދަޢުލަތަށް ވައިގެ ޙަމަލާތައް ދިނުމުގެ އިތުރުން، އެއްގަމުން ލުބްނާނަށް އަރައިގަންނަން މަސައްކަތް ކުރާ ޔަހޫދީ ފައުޖުތަކާ ކުރިމަތިލަމުންނެވެ. އެ ކުރިމަތިލުންތަކުގައި ސިފައިންތަކެއް މަރުވެފައިވާކަމަށް ޔަހޫދީން ވަނީ އެއްބަސްވެފައެވެ.