ޚަބަރު

އަލިފުށީ އެއާޕޯޓުގެ މަސައްކަތް ރޯދައިގެ ފަހުން އަލުން ފަށަނީ


  • މި މަޝްރޫޢު ކުރިއަށްދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެން

  • ނިންމުމަށް ބޭނުންވާ ސާމާނު މިހާރުވެސް ސައިޓުގައި

  • އަވަހަށް މަސައްކަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން

ހުއްޓިފައި އޮތް ރ. އަލިފުށީ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަލުން ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރި ގޮތަކަށް އޮންނަ އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ.

އަލިފުށީ އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ. މިހާތަނަށް އައިރު ޓާމިނަލްގެ ބޮޑު ބައެއް ވަނީ ނިންމާފައެވެ. އަދި ފަޔަރ ބިލްޑިންވެސް ހުރީ އެއްކޮށްކަހަލަ ގޮތަކަށް ނިންމާފައެވެ.

މި އެއާޕޯޓުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު އެ މަސައްކަތް އަލުން ފެށުމަށް އެމްޓީސީސީން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެމްޓީސީސީން ވިދާޅުވީ އެއާޕޯޓުގެ ސްޓްރަކްޗަރއަށް ބޭނުންވާ ފިނިޝިންގ ސާމާނު މިހާރުވެސް ސައިޓުގައި ހުރިކަމަށެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ ރޯދައިގެން ފަހުން އެއާޕޯޓުގެ މަސައްކަތްތައް އަލުން ފެށުމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަށްޓަކައި 505 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެތެރެއިން %80 ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާޕޯޓު ހެދުމަށެވެ. އަނެއް %10 ބިން ބޭނުންކުރާނީ އަލިފުށްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ އިތުރުން އެރަށުގެ އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމަށެވެ. އަލިފުއްޓަކީ ގާތްގަނޑަކަށް 3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އަލިފުށި ބިން ހިއްކުމާއި އެއާޕޯޓް މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކާ، އެސަރަޙައްދު ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1200 މީޓަރުގެ ރަންވޭއަކާއި އެޕްރަންއާއި ޓެކްސީ ވޭއަކާއި އެއާޕޯޓުގެ މަގުތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޓަރމިނަލް ޢިމާރާތާއި، ފަޔަރ ބިލްޑިންގ ތަރައްޤީކޮށް އަލިފާން ނިއްވާ ވަޞީލަތް ޤާއިމުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 426.05 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އަލިފުށީ އެއާޕޯޓް މަޝްރޫޢާއެކު ރަށުގައި ސިނާޢީ ސަރަޙައްދެއް ތަރައްޤީކޮށްދެއްވާނެކަން އިޢުލާންކުރައްވާފައެވެ. ރައީސް ވިދާޅުވީ، ސިނާޢީ ސަރަޙައްދާއެކު ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ފުރުޞަތު އިތުރުވެގެންދާނެކަމަށެވެ. މީގެ އިތުރުންވެސް ރަށުގައި ޒަމާނީ ވަސީލަތްތަކާއެކު ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ސްޕޯޓް ކޮމްޕްލެކްސްއާއި ކުނި މެނޭޖުކުރާ ފެސިލިޓީއެއްގެ އިތުރުން ރަށުގައި ބޭންކިން ޚިދުމަތް ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.