ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އެ ޤައުމުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީގެ ބަދަލުގައި އެ މަޤާމަށް އެ މަނިކުފާނުގެ ދަރިކަލުން، މުޖުތަބާ ޙުސައިނީ ޚާމަނާއީ ޢައްޔަނުކުރުމަކީ، މި ހަނގުރާމައަށް އަވަސް ނިމުމެއް ގެނައުމަށް އީރާނުން ފަސޭހަމަގު ޚިޔާރުކޮށް، ދޫނުދޭނެކަމުގެ އިޝާރާތެއްގެ ގޮތުގައި ސިފަކޮށްފިއެވެ.
އުމުރުފުޅުން 56 އަހަރުގެ މުޖްތަބާޢައްޔަން ކޮށްފައި ވަނީ ޢާއިލީ ވާރުތަވެރިކަމަށް ވުރެ ބޮޑަށް، ޤާނޫނީ އިޖުރާތުތަކުގެ ތެރެއިން ކަމަށް އީރާނުން ބުނި ނަމަވެސް، މުޖްތަބާ އަކީ ގިނަ ދުވަސްތަކެއް ވަންދެން މި މަޤާމަށް ޢައްޔަންކުރާނެ ކަމަށް ބެލެވުނު، އީރާނުގެ ސިޔާސީ މަސްރަޙްގައި ނުފޫޒުގަދަ ބޭފުޅެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޢައްޔަނު ކުރުމަކީ އެމެރިކާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އައު ރޫޙީ ވެރިޔާ ކަނޑައެޅުމުގައި އެމެރިކާއިން ރުހޭ ބޭފުޅަކު ޢައްޔަނު ނުކުރާނަމަ، އެ މަޤާމަށް ޢައްޔަނުކުރާ ބޭފުޅަކަށް މާ ގިނަ ދުވަހު އެ މަޤާމުގައި ދެމި ނުހުރެވޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އެނގިފައިވާ ގޮތުގައި އެ މަޖިލީހުން އައު ރޫޙީ ވެރިޔާ ކަނޑައެޅުމުގައި އިސްކަންދީފައި ވަނީ ޝަހީދުވި ޚާމަނާއީ ދެއްވާފައިވާ އިރުޝާދަށެވެ. އެ ގޮތުން އެ މަޤާމަށް އިސްކުރަން ވާނީ ދުޝްމަނުން އެ ބޭފުޅަކަށް ނަފްރަތުކުރާ ބޭފުޅެއް ކަމަށް ޚާމަނާއީ ވަނީ އިރުޝާދު ދެއްވައިފައެވެ.
މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ޚާމަނާއީ ޝަހީދުކޮށްލުމާއެކު އީރާނުގެ ސަރުކާރުގެ އިސް ސަފު ފަހަތަށް ޖެހި، އަމާންދޭން ޓްރަމްޕްގެ ސަރުކާރުން ޤަބޫލުކުރިނަމަވެސް، އެ ގޮތަށް ކަންކަން ނުހިނގާނެކަން މިހާރު ސާފެވެ. އަދި ވައިގެ ޙަމަލާތަކުން ގުޑުވާލެވޭ ވަރަށްވުރެ އީރާނުގެ ސަރުކާރާއި ދައުލަތް ހިންގުމުގެ ބާރު މާ ވަރުގަދަކަން ވެސް މިހާރު ހާމަވެފައިވާކަން އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އެގޮތުން، ޚާމަނާއީ އަވަހާރަކޮށްލިފަހުން، އީރާނުން ދެމުންދާ ރައްދު ޙަމަލާތައް ވަނީ އެތައް ގުނައަކުން ވަރުގަދަވެފައެވެ. ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އިތުރުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ ސިފައިން ތިބޭ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދީ، އެ ތަންތަނުގެ އޮޕަރޭޝަންތައް ހުއްޓޭ ހިސާބަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ.
މި ހަނގުރާމަ އެތައް ދުވަހަކަށް ދިގުލާނެކަމަށް މިހާރު ބެލެވޭއިރު، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި އުފައްދާ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމުޛް ކަނޑުއޮޅިން ހުރަސްކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
ނަތީޖާއެއްގެ ގޮތުން، ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގަލްފުގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ވަނީ މަޖުބޫރުވެފައެވެ. އެއާ އެކު، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް ކަމުގައިވާ ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 105.80 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.