ޚަބަރު

އީރާނުން ހަކަތަ ހަތިޔާރަކަށް ހަދައި، އިސްކުރީ ދިފާޢު


ޔަހޫދީންނާއި އެމެރިކާ ގުޅިގެން މެދުއިރުމަތީގައި ފެށި ހަނގުރާމައަށް ރައްދުދިނުމުގައި، އީރާނުން ދަނީ އެ ޤައުމުގެ ދިފާޢީ ބާރާއި ކެތްތެރިކަން ދުނިޔެއަށް ސާބިތުކޮށްދެމުންނެވެ. އިޤުތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އީރާނުގެ އަމާޒަކީ ހަކަަތައަކީ ހަތިޔާރަކަށް ހަދައި، ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުމަށް ހުރަސްއެޅުމެވެ. އަދި، ތެލު އަގުތަކަށް ލޮޅުން ގެނުވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ފިއްތުންތައް ބޮޑު ކުރުމެވެ.

އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާންގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ އަވަހާރަކޮށްލި ނަމަވެސް، އީރާނުގެ އަސްކަރީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ޤައުމުގެ ހިންގުން ދަމަހައްޓައި، ދިފާޢު ވަރުގަދަ ކޮށްފައެވެ. އަދި، "ނެތިދިއުމުގެ ބިރު" އޮތް ނަމަވެސް ވެސް، އައު އިސް މުރުޝިދު ކަމުގައިވާ މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ ޒަޢާމަތުގައި ވެސް އީރާނުން ދަނީ ފަހަތަށް ނުޖެހޭނެކަން ދައްކަމުންނެވެ. މަސްރަޙް ދިރާސާ ކުރައްވާ ދާރިސެއް ކަމުގައިވާ ފަވާޒް ޖަރްޖަސް ސިފަކުރެއްވި ގޮތުގައި، މިއީ އީރާނުން "ދެމިއޮތުމުގެ ނުރައްކަލާ" ދެކޮޅަށް ކުރަމުންދާ ހަނގުރާމައެކެވެ.

އީރާން ސިފަ ކުރައްވަމުން އެހެން ދާރިސެއް ކަމުގައިވާ އެލެކްސް ވަޠަންޚާ ވިދާޅުވީ، އެއީ "ޒަޚަމުވެފައިވާ ޖަނަވާރެއް" ފަދަ ނުރައްކާތެރި ޤައުމެއް ކަމުގައެވެ. ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައިގެ ރައްދުގައި އީރާނުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފު ޢަރަބި ޤައުމުތަކުގައި އެމެރިކާއިން ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް ޙަމަލާ ދެމުންނެވެ. އީރާންގެ ނުރައްކާތެރި ޙަމަލާތަކާ އެކު ހުޅަނގުގެ ސިޔާސީ ނިންމުންތަކަށް ލޮޅުންއަރަމުންދާ ކަމުގައި ދާރިސުން ފާހަގަކުރިއެވެ.

ހަނގުރާމައިގެ މައިދާނުގައި އީރާން ބަލިކުރައްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވަމުން ގެންދެވި ނަމަވެސް، އީރާންގެ އަސްކަރިއްޔާއިން ރައްކާކޮށްފައި ހުރި މިސައިލްތަކުގެ ދެބައިކުޅަ އެއްބައި، އަދިވެސް ހުރި ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި އީރާން ބަލިކޮށް، ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމުގައި ޓްރަމްޕް ޤަބޫލު ކުރެއްވި ނަމަވެސް، މެދުކެނޑުމެއް ނެތި ދިގު މުއްދަތަކަށް ޔަހޫދީންނާއި އެމެރިކާއަށް ޙަމަލާ ދިނުގެ ޤާބިލުކަން އީރާންގެ ކިބައިގައި އޮތް ކަމުގައި ވެސް ދާރިސުން ޤަބޫލު ކުރެއެވެ.

އެހެން ދާރިސެއް ކަމުގައިވާ މުހައްނަދު ޙާޖު ޢަލީ ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން އީރާނުގެ އެތެރޭގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، ޔަހޫދީންނާއި އެމެރިކާގެ ޢުދުވާނާ ދެކޮޅަށް އީރާންގެ ރައްޔިތުން ސާބިތުކަމާ އެކު ދެމިތިބި ކަމުގައެވެ. އީރާންގެ އަމާޒަކީ ހަމައެކަނި ސަލާމަތުން އޮތުމެއް ނޫނެވެ. އަމާޒަކީ، ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުތަކުގެ ކުރިމަތީގައި ވެސް، އީރާނުގެ ސިޔާދަތު ގުޑުވައިނުލެވޭނެ ކަން ސާބިތުކޮށްދިނުމެވެ. ދުޝްމަނުން ވަރުބަލިވެގެން ފައިބަންދެން އީރާނުން ސާބިތުކަމާ އެކު ދެމިއޮންނާނެ ކަން ހާމަކޮށްދިނުމެވެ.