އީރާނާއެކު ޙަމަލާ ބަދަލުކުރަމުންދާތީ ކަމަށް ބުނެ ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވައްދާ ހުރިހާ މަގުތަކެއް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ބަންދުކޮށްފައިވާއިރު، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، އަގުތައް އިންތިހާއަށް އުފުލިއްޖެއެވެ.
ޣައްޒާގައި ކާބޯތަކެތީ ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ، ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަގުތައް އެތައް ގުނައަކުން އުފުލިފައިވާއިރު، އަސާސީ ބައެއް މުދަލާއި ކާޑުގެ ބައެއް ބާވަތްތައް މިހާރު ބާޒާރުން އެކީގައި ހުސްވެފައިވާ ކަމަށެވެ.
ކާބޯތަކެތީގެ ސަޕްލައި އެކީގައި ހުސްވެދާނެކަމުގެ ބިރަށް، ލިބެންހުރި ބާވަތްތައް ގަނޑުކޮށް ގަންނަމުންދާކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.
ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ވަނީ އީރާނަށް ޙަމަލާ ދޭން ފަށައިފައެވެ. ހަނގުރާމައިގެ ހާލަތުގައި ޣައްޒާއަށް ރައްކާތެރިކަމާއެކު ސާމާނު ނުވެއްދޭނެ ކަމަށް ބުނެ ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާއިން މިހާރު ވަނީ ޣައްޒާއަށް ތަކެތި ވެއްދޭ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ.
ކާބޯތަކެތީގެ އިތުރުން، ބޭހުގެ ބާވަތްތަކުގެ އިތުރުން ތެލާއީ ގޭހުގެ ސަޕްލައި ވެސް ވަރަށް މަދުވެފައިވާ ކަމަށް ބުނެފައިވެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނީ، ޣައްޒާއަށް މުދާ ހިފައިގެން މިހާރު ވަދެވެނީ ގާތްގަނޑަކަށް 200 ޓްރަކަށް ކަމަށެވެ. ނަމަވެސް، ދުވާލެއްގެ މައްޗަށް ޣައްޒާގެ ދިރިއުޅޭ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް މަދުވެގެން 600 ޓްރަކުގެ މުދާ ބޭނުންވާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
އޭގެއިތުރުން، އެ ޖަމްޢިއްޔާއިން ބުނީ ގޮތުގައި ޣައްޒާއިން ބޭރަށް ބޭސްފަރުވާއަށް ކޮންމެހެންވެސް ގެންދަންޖެހިފައިވާ 18،000 ބަލި މީހުން ވެސް ނުނެރެވި، ތާށިވެފައި އެބަތިއްބެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާ ގުޅިގެން ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ތެރޭގައި ވެސް، ފަލަސްޠީނުގެ ޣައްޒާއަށް ޙަމަލާދިނުން މަޑުޖެހުމެއްނެތި ޔަހޫދީންގެ ދަޢުލަތުން ދަނީ ކުރިއަށް ގެންދަމުންނެވެ.
އީރާނަށް ދިން ޙަމަލާއާ އެކު މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ލިބޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.
ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.