މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައިގައި، ގަލްފުގެ ޤައުމުތަކުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް، އަސްކަރީ މަތިންދާބޯޓަކާއި ޒަމާނީ މިސައިލް އޮސްޓްރޭލިޔާއިން ފޯރުކޮށްދޭން ނިންމާފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 28ވަނަ ދުވަހުން ފެށިގެން، އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ދޭން ފެށި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ވެސް ދަނީ ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެގޮތުން، ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ މުޙިންމު ބިނާތަކުގެ އިތުރުން، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި އެމެރިކާ ސިފައިން މަރުކަޒުވެގެން ތިބި ތަންތަނަށް އީރާނުގެ ވަރުގަދަ ރައްދު ޙަމަލާތައް ދަނީ ޢަމާޒުކުރަމުންނެވެ.
އެލްބަނީސް މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، ގަލްފުގެ ވައިގެ ސަރަޙައްދުގެ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ސަރވެއިލެންސް މަތިންދާބޯޓެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެ މަތިންދާބޯޓު ކުރިއަށް އޮތް ހަތަރު ހަފްތާ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ރައީސް މުޙައްމަދު ބިން ޒަޢިދު އަލް ނަޙްޔާން އާއެކު ފޯނުން ކުރެއްވި މަޝްވަރާތަކުގެ އަލީގައި، ޔޫއޭއީގެ ދިފާޢު ވަރުގަދަކުރުމަށްޓަކައި އެއަރ-ޓު-އެއަރ މިސައިލް ފޯރުކޮށްދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ގަލްފުގެ ޤައުމުތަކަށް އޮސްޓްރޭލިޔާއިން އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވަނީ، މެދުއިރުމަތީގައި 115،000 އޮސްޓްރޭލިއާ ރައްޔިތުން ދިރިއުޅޭކަމުގެ މައްޗަށް ރިއާޢަތްކޮށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެތެރެއިން 24،000 އެއްހާ ރައްޔިތުން ތިބީ ޔޫއޭއީގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، އޮސްޓްރޭލިޔާގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ވެސް އެހީވުމުގެ ގޮތުން، ރަޙުމަތްތެރި ޤައުމުތަކަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގެ މާނައަކީ، މި ހަނގުރާމައިގައި ވަކި ފަރާތަކަށް ޖެހި އީރާނާ ދެކޮޅަށް އޮސްޓްރޭލިޔާއިން ހަނގުރާމަ އާ ބައިވެރިވުން ނޫންކަމަށް އަލްބަނީސް ސާފުކޮށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ތިބި 2،600 އެއްހާ އޮސްޓްރޭލިޔާގެ ރައްޔިތުން އެނބުރި އަންނަން ބޭނުންވެފައި ތިބިނަމަވެސް، އެ މީހުން އެ ޤައުމުތަކުން ނެރެން މިވަގުތު ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ.
އަސްކަރީ އެހީ ފޯރުކޮށްދިނުމަކީ ހަނގުރާމައިގައި އޮސްޓްރޭލިޔާއިން ބައިވެރިވުން ނޫން ކަމަށް އެލްބަނީސް ވިދާޅުވިނަމަވެސް، އެ ނިންމުމަށް އޮސްޓްރޭލިޔާގެ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔުން ޢަމާޒުކުރަމުންނެވެ.