އީރަން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ތެޔޮ ލިބުމަށް ދަތިވުމުގެ ނުރައްކާ އޮތް މި ޙާލަތުގައި ޕާކިސްތާނުގައި ހަކަތަ ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެ ޤައުމުގެ ސަރުކާރުން ޚާއްޞަ އެމަޖެންސީ ފިޔަވަޅުތަކެއް ތަޢާރަފްކޮށްފިއެވެ.
ޕާކިސްތާނަށް ބޭނުންވާ ތެލުގެ 80 އިންސައްތަ ހޯދުމަށް އެ ޤައުމުން ބަރޯސާ ވަނީ ބޭރު ޤައުމުތަކުން އެތެރެކުރާ ތެލުގެ މައްޗަށެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 2
8ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފެށުމާއެކު، ޕާކިސްތާނުގެ ތާރީޚުގައި ވެސް ތެލުގެ އަގު ނުއުފުލޭ މިންވަރަށް އެ ޤައުމުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. އެ ގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި ޕެޓްރޯލްއާއި ޑީސެލްގެ އަގު ވަނީ 20 އިންސައްަތައަށް އުފުލިފައެވެ.
އައު ފިޔަވަޅުތައް އިޢުލާނު ކުރައްވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ތެލާއި ގުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އީރާން ހަނގުރާމައިގެ ސަބަބުން ބަންދުވުމުން ޕާކިސްތާނުގެ އިޤްތިޞާދަށް ސީދާ ނުރައްކާވާ ކަމަށެވެ. މުޅި ސަރަޙައްދު އޮތީ ހަނގުރާމައިގެ ޙާލަތުގައި ކަމަށް ވިދާޅުވެ އޭނާ ވަނީ މި ޙާލަތުގައި ލިބޭ ގެއްލުން ކުޑަ ކުރުމަށް ޕާކިސްތާނުގެ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް ތަފްސީލް ކޮށްދެއްވައިފައެވެ.
ޕާކިސްތާނުގެ ސަރުކާރުން މިހާރު ވަނީ ސަރުކާރު ހުޅުވާފައި ހުންނަ ދުވަސްތަކުގެ ޢަދަދު ހަފްތާއަކު ހަތަރު ދުވަހަށް މަދުކޮށްފައެވެ. އެއީ އިދާރާތައް ހިންގުމަށާއި، ދަތުރުފަތުރަށް ތެޔޮ ބޭނުންކުރާ މިންވަރު މަދު ކުރުމަށްޓަކައެވެ. އަދި ދެ ހަފްތާގެ މުއްދަތަށް މަދަރުސާތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެ ގޮތުން ތެލާއި ކަރަންޓުގެ ޚަރަދު ކުޑަ ކުރުމަށް މާރިޗު މަހުގެ 16ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން މަދަރުސާތައް ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔުނިވަސިޓީތަކާއި މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ވެސް މި ވަގުތަށް އިންޓަނެޓު މެދުވެރިކޮށް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އިރުޝަދު ދީފައެވެ.
ޝެހްބާޒް ވިދަޅުވީ ޑިއުޓީ ބަދަލުވާ އުސޫލުން ސަރުކާރުގެ މުވައްޒަފުންގެ 50 އިންސައްތަ މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓާއިން ވެސް އެ ގޮތަށް މަސައްކަތްތައް ރޭވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހާއި ސަރަޙައްދީ ވަޒީރުންގެ މަޖިލީސްތަކުގެ މެންބަރުން ކުރިއަށް އޮތް ދެ މަސް ދުވަހު މުސާރައާއި އެލަވަންސް ނުނެގުމަށް ވަނީ ނިންމާފައެވެ. އަދި މައި ސަރުކާރާއި ސަރަޙައްދީ ޤާނޫނުހަދާ މަޖިލީސްތަކުގެ މެންބަރުންގެ މުސާރަ މި މުއްދަތުގައި 25 އިންސައްތައިން ކުޑަ ކުރުމަށް ވަނީ ނިންމާފައެވެ. ވަޒީރުންނާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާތުގެ އޮފިޝަލުންނަށް ޤައުމުން ބޭރަށް ދަތުރުކުރެވޭނީ ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަނި ކަމަށާއި، އެ ގޮތަށް ދަތުުރުކުރަން ޖެހޭ ޙާލަތެއްގައި ދަތުުރުކުރަން ވާނީ އިކޮނޮމީ ކުލާހުގައި ކަމަށް ވެސް ޕާކިސްތާނުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ސަރުކާރުގެ ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބޭއްވުމަށް ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ އިދާރާތަކަށް ދީފައިވާ ފިއުލް އެލޮވެންސް ވެސް ވަނީ ކުޑަކޮށްފައެވެ.
ސަރުކާރުން ވަނީ ޢާންމުންގެ އިޖުތިމާޢީ އެއްވުންތައް މަދުކޮށް، ކައިވެނި ޙަފްލާތަކަށް ގިނަވެގެން ދައުވަތު ދެވޭނީ ގިނަވެގެން 200 މެހެމާނުންނަށް ކަމަށް ވެސް ޢާންމުންނަށް އަންގާފައެވެ. އަދި މި ފަދަ ޙަފްލާތަކުގައި ކެއުން ތައްޔާރު ކުރުމުގައި ބޭނުން ކުރަން ވާނީ މައި އެއް ބާވަތް ކަމަށް ވެސް އަންގާފައިވެއެވެ.