ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތަޢީދުކުރާކަން، މިދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއިން ހާމަކޮށްފިއެވެ.
އެ ޕާޓީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމްޑީއޭއިން ފުރިހަމައަށް ތާޢީދުކުރާކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށާއި ޤައުމުގެ ސުލްޙަމަސަލަސްކަމަށް ރިޢާޔަތްކޮށް، ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް އެ ޕާޓީން ދެކޭކަމަށް ވަނީ ބުނެފައެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުމަށް ވަކާލާތުކުރާ ބޭފުޅެއްކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިސިއްޔަތުންނާއި ރާއްޖޭގެ ވިޔަފާރިވެރިއެއްގެ ޙައިސިއްޔަތުން، އަބަދުވެސް އިސްކަން ދެނީ ޤައުމުގެ އިޤްތީޞާދީ ހަމަޖެހުމާއި އިޖުތިމާޢީ ބަދަހިކަމަށްކަމަށެވެ.
އިންޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އިޢުތިރާފުވާކަމަށެވެ. އެހެންކަމުން މިއީ އިޤްތިޞާދު ދެމެހެއްޓުމަށާއި ޤައުމުގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާތީ، ދެ އިންތިޚާބު އެއް ދުވަހުގެއްގައި ބޭއްވުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް އެ ޕާޓީން މަރުޚަބާ ކިޔާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ހަމައެއާއެކު ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދު ވަރުގަދަކުރުމުގައި ދަޢުލަތުގެ ހުރިހައި މުވައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާކަމަށްވެސް އެމްޑީއޭގެ ބަޔާނުގައިވެއެވެ.
އެމްޑީއޭއިން އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެން މަތީ މަސްލަޙަތު ޙިމާޔަތްކުރުމުގައިކަމަށާއި ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމާއި ރައްޔިތުންގެ ކުރިމަގުގެ ބާއްޖަވެރިކަން ކަށަވަރުކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދޭކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.