ޚަބަރު

ވޯލްޑް ކަޕަށް އަންނަ އީރާން ޓީމަށް ޓްރަމްޕް މަރުޙަބާ ކިޔާނެ: އިންފަންޓީނޯ


  • ގްރޫޕް ސްޓޭޖުގައި އީރާންގެ ތިން މެޗުވެސް އޮތީ އެމެރިކާގައި

  • އީރާން ހިމެނެނީ ގްރޫޕް ޖީގައި

  • އެ ގުރޫޕުގައި ދެން ހިމެނެނީ ބެލްޖިއަމް، ނިއުޒިލެންޑް އަދި މިސްރު

އަންނަ ޖޫން މަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އަންނަ އީރާން ޓީމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަރުހަބާ ކިޔާނެކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އިސްރާޢީލް އިސްވެ އޮވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގެ ސަބަބުން، ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އީރާން، މުބާރާތް ކުޅެން އެމެރިކާއަށް ގޮސްފާނެކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ.

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދިން ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދުކޮށްލާފައި ވުމާ ގުޅިގެން، ވޯލްޑް ކަޕުގައި އީރާން ބައިވެރިވާނެތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.

މިފަދަ ދަނޑިވަޅެއްގައި ޓްރަމްޕާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ އަދާހަމަ ހިއްސާކުރައްވައި އިންފަންޓީނޯ ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައި ވެސް، އެމެރިކާއަށް އަންނަ އީރާން ޓީމަށް އެމެރިކާއިން މަރުޙަބާ ކިޔާނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ.

އަދި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވީ، މި ދަނޑިވަޅަކީ، ފީފާ ވޯލްޑް ކަޕް ފަދަ ބޮޑު ހަރަކާތެއްގެ އެހީގައި މުޅި ދުނިޔެ ބަދަހިކުރަންވީ ވަގުތު ކަމަށެވެ. އަދި މި ފުރުސަތު ފަހިކޮށްދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާކަމަށް ވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ފުޓުބޯޅައަކީ މުޅި ދުނިޔެ ގުޅުވާލަދޭ، އެއްބައިވަންތަކުރުވާ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕުގައި އީރާން ހިމެނެނީ މުބާރާތުގެ ގްރޫޕް ޖީގައެވެ. އެއީ މިސްރާއި ބެލްޖިއަމް އަދި ނިއުޒިލޭންޑާ އެއް ގުރޫޕެކެވެ.

ގްރޫޕް ސްޓޭޖުގެ ތިން މެޗު އީރާން ކުޅެން ޖެހޭނީ އެމެރިކާގައެވެ. އެހެންނަމަވެސް މުބާރާތަށް އީރާން ޓީމު ދާނެކަން އަދި އެ ގައުމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖް ވިދާޅުވީ، ޔަހޫދީންނާއި އެމެރިކާއިން ދިން ނިރުބަވެރި ހަމަލާތަކުގެ ސަބަބުން، ވޯލްޑް ކަޕާ މެދު ވިސްނައި އުއްމީދުކުރުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.